އެކަމަށް ގޮވާލާ ހިއުމަން ރައިޓްސް ވޮޗް އާއި އައިއެފްޖޭ (އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް) އާއި ސީޕީޖޭ (ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް) އާއި އޭޝިއާގެ އެކި ގައުމުތަކުގެ ނޫސްވެރިންގެ ޖަމްޢިއްޔާތައް ހިމެނޭހެން ބޮޑެތި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގުޅިފައިވާ ސިޓީއެއް ރައީސް މުއިއްޒަށް ފޮނުވާފައި ވާއިރު، އެ ސިޓީ އެ ޖަމިއްޔާތަކުން މިއަދު ވަނީ ހާމަކޮށްފައެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއް ކަމަށާ، އެއީ ވަގުތުން ވަގުތަށް އަނބުރާ ގެންދަންޖެހޭ ބިލެއް ކަމަށެވެ.
ރައީސް މުއިއްޒަށް މި ސީޓީ ފޮނުވާފައި ވަނިކޮށް އެ ބިލާ ގުޅޭގޮތުން މީޑިއާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ހާމަކޮށްފައެވެ.
މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި، އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޝްވަރާކުރުމަށް މިހާރު ކޮމެޓީ، މަރުހަލައިގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ މީޑިއާތަކާއި އެކު މަޝްވަރާ ކުރެއްވުމަށްޓަކާ ހަމަޖައްސާފައިވާ ތާރީހަކީ 1 ސެޕްޓެމްބަރ ވާ ހޯމަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށެވެ.
މި ބިލާ ދެކޮޅަށް ރާއްޖޭގެ މީޑިއާތަކުންވެސް އަޑު އުފުލަމުން ގޮސް ބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ރައީސް އޮފީސް ކުރިމަތީ ހުންނަ މީޑިއާ ފެންޑާގައި ނޫސްވެރިންތަކެއް ދެ ދުވަހު އިހުތިޖާޖު ކުރިމުން ޕްރެޝަރު ބޮޑުވެގެން ރައީސް މުއިއްޒު ވަނީ އެމްޖޭއޭ އާ ބައްދަލުކުރައްވާފައެވެ.
ނަމަވެސް މި ބައްދަލުވުމުގައި، މަޖިލީހަށް މިހާރު ވައްދާފައިވާ ބިލު އިސްލާހުކުރުމަށް ވުރެ، އާ ބިލެއް ފަރުމާކުރުން ފަސޭހަ ވާނެ ކަމަށް ބުނެ ނޫސްވެރިން ބިލު ބޭރުކޮށްލަން ކުރާ ޑިމާންޑު ދެމެހެއްޓުމުން، ރައީސް ވިދާޅުވީ ބަންޑާރަ ނައިބު އަޙްމަދު އުޝާމުގެ ލަފާ ހޯއްދެވުމަށް ފަހު ބިލާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
އެއަށްފަހު ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވުމުން ނޫސްވެރިން ވަނީ އެ ބައްދަލުވުން ބޮއިކޮޓްކޮށް، ރައީސް އޮފީހުން ނުކުމެގެން ގޮސްފައެވެ.
ސަރުކާރާ ގުޅިގެން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު ރައީސް މުއިއްޒުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިގަނެފައި ވާއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތްތައް ދެހަފްތާތެރޭ ނިންމުމަށް ވެސް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އެ ބިލު ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ގޮވާލައްވައިފައި ވާއިރު، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވެސް ވިދާޅުވެފައި ވަނީ، ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށާ، އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ ކަމަށެވެ.