ފަލާހު މިފަހުން ވަނީ ދެފަހަރެއްގެ މަތިން ނޫސްވެރިންނަށްވެސް އިންޒާރުދެއްވާފައެވެ.
ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށް ފަލާހު އިއުލާން ކުރެއްވީ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދު އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީ އިން އޮކްޓޯބަރު 3، ގައި މުޒާހަރާއެއް ކުރަން ނިންމުމުން އެކަމާ ގުޅޭ ގޮތުންނެވެ.
"މުޅި ގައުމު އެއްކޮށް ދަވާލައިގެން ތިބެ ބަލާބަލަ ދައްކާ ވާހަކަ ރީއްޗެއްނު. ކޮށްފަހުރި ވައްކަންތައް މިހާރު ބަލަންފަށާތީ ތިއުޅެނީ ގައުމު ހަލަބޮލި ކުރަން،އެކަންކަން މަތިޖަހަން އަބަދު ތިހެން ޖަރީމާ ހިންގާފަ ޤަޢުމު ނޮޅާ ހުސްކޮށްލާފަ އެހެން މީހުން ބޮލަށް ކަނޑާލެވޭނެކަމަށް ހީނުކުރަށްވާ!" ފަލާހު ލިޔުއްވާފައި ވެއެވެ.
އޭގެ އިތުރުންވެސް ކުރީގެ ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރެއްވުމަށްފަހު ފަލާހު ވަނީ ޝާހިދަށް އިންޒާރު ދެއްވާފައެވެ.
"އިންތިޒާރުކޮށްލައްވާ ކުރި ވައްކަންތައް އަރާހަމަކުރާނެ ހެއްކާއެކު!" ނޫސްވެރިންނަށްވެސް އިންޒާރު ދެއްވި ފަލާހު ލިޔުއްވާފައި ވެއެވެ.
އެމްޑީޕީގެ ރައީސް ޝާހިދުގެ މައްސަލަތަކެއް ބަލަން ފަށާނެ ކަމަށާ، "އިންތިޒާރު ކޮށްލަން" ފަލާހު ވިދާޅުވިއިރު، މިހާތަނަށް އެފަދަ އެއްވެސް ތުހުމަތެއް ކަމާގުޅޭ އިދާރާއަކުން ޝާހިދުގެ މައްޗަށް ކޮށްފައެއް ނެތެވެ.
ރޭ ބޭއްވި އެމްޑީޕީގެ ކުއްލި ގައުމީ މަޖިލިސް ޖަލްސާއިން ސަރުކާރާ ދެކޮޅަށް އަންނަ އޮކްޓޯބަރު 3 ގައި މުޒާހަރާ ކުރުމަށް އަދި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް ފާސްކުރުމާއެކު އެމްޑީޕީގެ ލީޑަރުންގެ މައްސަލަތަކެއް ބަލަން ފަށަން އުޅޭކަމުގެ އަޑުތަކާއި އިންޒާރުތައް ސޯޝަލްމީޑިއާގައި ވަނީ ގަދަވެފައެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތައް ބަލަން ފަށަން އުޅުމުގެ އިތުރުން ސަރުކާރުން ދަނީ ގާނޫނެއް ފާސްކޮށް މީޑިއާގެ އަޑު ކަނޑުވާލުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
މިނިވަން މީޑިއާއަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިހާރު ކޮމިޓީ މަރުހަލާގައި އޮތް ބިލަށް ވާހަކަ ދައްކަވަމުން ފަހާލު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށެވެ. ފަލާހު މިފަދައިން ގޮވާލީ 27 އޯގަސްޓްގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އަދި އޭގެ ފަހުން، އޯގަސްޓް 29 ގައި ފަލާހް ވަނީ ނޫސްވެރިންގެ ތެރެއިން ގިނަ ބަޔަކު ޖަލަށް ލާނެކަން ދޭހަވާ މޭރުމަކުން ނޫސްވެރިންނަށް އިންޒާރުދީ އެކްސްގައި ޕޯސްޓެއްވެސް ކުރައްވާފައެވެ.