ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި.--
ފަލާހުގެ މައްސަލަ ބަލަން ޕީޖީގެ ލަފައެއް ހޯދާކަށް ނުޖެހޭ
ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ އެހޯދަނީ ހަމަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަނޑެއްދޭން – ރައީސް ޔާމީން
ޖުނާން އަޙުމަދު 1 ސެޕްޓެމްބަރ 2025 (ހޯމަ)   09:40
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ މައްސަލަ ބެލުމަށް ފުލުހުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ލަފައެއް ހޯދަން ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވިދާޅުވުމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފަލާހުގެ މި ވާހަކަތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ފަލާހު އެވާހަކަ ދެއްކީ ވަރަށް ސާދާކޮށް ކަމަށާ އެކަމުގައި ދިފާއެއް ދައްކަންވެގެން މާނަ ބަދަލުކުރިޔަސް އޭނާ ބުނީ ޖަލަށް ލުމަށްވުރެވެސް ބޮޑު އަދަބެއް ނޫސްވެރިންނަށް ދޭންޖެހޭ ކަމަށެވެ. "އުލުބައިންދަނީ" ކިހިނެއްތޯ ބަލަން ބަސްފޮތް ބަލަން ނުވަތަ ބަހާ ބެހޭ މިނިސްޓަރު ނަސީރު ކައިރިއަށް ދާން ނުޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އަދި މި މައްސަލަ ބަލަން ފުލުހުން ޕީޖީގެ ލަފައެއް ހޯދަން ނުޖެހޭ ކަންވެސް ޔާމީން ފާހަގަ ކުރެއްވިއެވެ. އެކަން އެގޮތަށް ކުރަނީ  އަދި ޕީޖީގެ ލަފައެއް މިކަމުގައި ހޯދަން އުޅެނީ މައްސަލަ ބެލުމުގެ މަގު ދިގުކުރުމުގެ ބޭނުމުގައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ އެހޯދަނީ ހަމަ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަނޑެއްދޭން. އެއީ މީ ބަލަންޖެހޭ ކަމެއްގެ ގޮތަށް ބުނެފިކަމަށް ވަންޏާ އެފަކީރު މަގާމުން ވަކިކުރާނެ މަޖިލިސް މެންބަރުން. ބަލަންނުޖެހޭ ކަމެއް ކަމަށް ބުނެފިއްޔާ ދެން އަންނަ ބަޔަކު އޭނަގެ މައްޗަށް ޖިނާއީ ދައުވާ އުފުލާނެ. އެހެންވީމަ މިފަކީރަށް ނެތް، ހަމަ ހުރިހާ ކޮޅެއް ބަންދުވެފައި މި އޮތީ." ޔާމީން ވިދާޅުވިއެވެ.  

ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ކަމެއް ކުރަން ޕީޖީގެ ލަފާ ހޯދަންޖެހޭ ބައެއް ނޫން ކަމަށާއި ފުލުހުންގެ އިދާރާއަކީ މިނިވަން ތަނެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ތަހުގީގެއް ހިނގާއިރު ކޮންމެ ކަމެއްގައި ފުލުހުން ޕީޖީގެ ލަފާ ހޯދަން ނުޖެހޭ ކަމަށާއި އެ އުޅެނީ ގާނޫނު މުޅިން އޮޅުވާލައިގެން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މިއީ ހަމަ ބަލަންޖެހޭ ކަމެއް، ބެލޭނެ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އެހެންނަމަވެސް މިކަން ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ނުބަލާނެ ސަބަބަކީ "މުއިއްޒު ބުނިއްޔާ ބުނިހާ ކަމެއް" ކުރާ މީހަކީ ފަލާހު ކަމަށާ، މިހާރު "މުއިއްޒު ބުނިއްޔާ ބުނިހާ ކަމެއް" އަބްދުއްރަހީމްވެސް ނުކުރާ ކަމަށެވެ. އެއީ އެމީހުންނާ އަރާ ގާނޫނު ހަމަކުރާނެކަން އެނގޭތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް