އެއީ ކޮން ހަތަރު މީޑިއާއެއް ކަން ފަލާހު ވިދާޅުނުވި ނަމަވެސް، މީޑިއާތަށް ގިންތިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ކުޑަކުޑަ ގައުމެއްގައި އެއްވެސް ބަލާލުމެއްނެތި ކަމެއް ސާފުނުކޮށް، ބުހުތާނު ދޮގު ޚަބަރު ފެތުރުމަކީ ކިހާ ނުބައި ކަމެއްކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި އެިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި، ކުށެއްނެތް އާއިލާތައް ރޫޅި، ކުށެއްނެތް އެތައްބައެއްގެ ވަޒީފާގެއްލޭކަމަށް ފަލާހު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުން އިއްޔެ އެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފައި ވާއިރު، ނޫސްތަކުން މެންބަރުންގެ މާލީ ބަޔާންތަކުގައި ހުރި ވާހަކަތައް ރިޕޯޓް ކޮށް، އޭގެތެރެއިން އެންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ އެއް މެންބަރަކީ ފަލާހު ކަމުގައި ބުނަމުން ދިޔައެވެ.
އެހެންކަމުން މަޖިލީހުގައި މީޑިއާ އުލު ބައިދަން ވީކަމަށް ގޮވާލި ފަލާހު، އެކަމަށް ރައްދުދެއްވާ އޭނާގެ އެކްސް ޕޯސްޓުގައި ބުނެފައި ވަނީ ނޫސްވެރިންނަކީ ފައިސާ ކޮޅެއް ދޭ އިރަށް ފައިސާ ދޭމީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ލީޔާ ބައެއްކަމަށާ، އެއީ ހަލާލު ނޫން ފައިސާކަމަށް ވިދާޅުވެ އެ ނޫސްވެރިންގެ ވެސް މާލީ ބަޔާން ހާމަކުރަން މީޑީއާ ބިލުގައި ހިމަނަން ޖެހޭކަމަށެވެ.
"ފައިސާ ކޮޅެއް ދޭ އިރަށް ފައިސާ ދޭމީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިޔެ ވިދާނެތީތޯ މީޑިއާ ބިލް ކަމުނުދަނީ! މިގޮތަށް ހޯދާފައިސާ މީ ހަލާލު ފައިސާތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ؟" ފަލާހުގެ އެކްސް ޕޯސްޓުގައިވެއެވެ.
ފަލާހުގެ މަލީ ބަޔާނުގައިވާ ގޮތުން ހުސްވި 2024 ވަނަ އަހަރު ތެރޭ އާމްދަނީގެ ގޮތުގައި އޭނާއަށް 5.1 މިލިއަން ރުފިޔާ އޭނާއަށް ލިބިފައެވެ. އަދި މި މިވަގުތު އޭނާގެ ނަމުގައި ހަތަރު ބިމެއް އޮތްކަމަށްވެސް މާލީ ބަޔާނުގައިވެއެވެ.