މި ގައުމު އިގުތިސޯދީ ބޮޑު އަނދަވަޅަކަށް މި ސަރުކާރުން ވައްޓާލުމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު، ރައްޔިތުންގެ ސުވާލަތަކަށް ޖަވާބު ހޯދުމަށް އެމްޑީޕީން ފިނޭންސް މިނިސްޓްރީ ދޮށަށް ގޮސް މިއަދު ކުރި މުޒާހަރާއަށް ފަހު، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލައި ރައްޔިތުން ނިކަމެތި ކޮށްލާފައިވާ ކަމަށާ، އެމްޑީޕީން ނުކުމެ ތިބީ މި ވެރިކަން ބަދަލު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ނުކުމެ މިތިބީ މުއިއްޒު ބާލަންވެގެން، އަޅުގަނޑުމެން ނުކުމެ މިތިބީ މި ވެރިކަން ވައްޓާލަން ވެގެން، މި ވެރިކަން ބަދަލު ކުރަންވެގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ މި ވެރިކަން ބަދަލު ކޮށްފައި،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން މަގުތައް މައްޗަށް ނުކުމެ ރައްޔިތުންނަށް ޖެހިފައިވާ އުނދަގޫތަކުގެ އަޑު އުފުލުމަށް ގޮވާލައްވަމުން އާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ދޫކުރަން ޖެހޭ އެތައް މިލިއަން ފައިސާއެއް ދޫނުކޮށް ހިފަހައްޓާފައިވާތީ އެކަމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށާ، ރައްޔިތުންނަށް މިހާރު ކުރިމަތިވެފައި ހުރި ދަތިތަކަށް ހައްލު ހޯދޭނީ ސިޔާސީ ޕާޓީތަކުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ކަމަށެވެ.
"ކަރަންޓު ބިލު ދަށްވީކީ ނޫން، ފެން ބިލު ދަށަށް ދިޔައީކީ ނޫން، މި ކަންކަމާމެދު ނުވިސްނައި ސިޔާސީ މީހުންނަށް ސިޔާސީ ކަންކަމުގައި ކުރަމުންދާ ހަރަދު އެދަނީ އެތައް ގުނައަކުން އިތުރުވަމުން، ދަތުރުފަތުރު ހުއްޓެނީކީ ނޫން، ވަޒީރުން ކުރާ ދަތުރުތައް އެދަނީ މެދުކެނޑުމެއް ނެތި ފަސްޓު ކްލާހުގައި ބިޒްނެސް ކްލާހުގައި ކުރަމުން،" އާޒިމް ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަން ނުކުރެއްވި ނަމަވެސް ކުޑަކުދިން ދޭ ނޯޓުކޮޅު ކަމަށް ބުނެ، ބައެއް ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ވެސް ނުދީ ހިފަހައްޓާފައިވާ ކަމަށާއި، ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ފައިސާ ދޫނުކުރާ ކަމަށެވެ.
"100 އެތައް ބިލިއަނެއް މިދެ އަހަރު ދުވަހުގެ ތެރޭގައި ގެއްލިގެންދާއިރު މިރާއްޖޭގެ އެއްވެސް ރަށެއްގައި ލޮލަށް ފެންނަ އެއްވެސް ކަމެއް ކުރީއެއް ނޫން. ލޮލަށް ނުފެންނަ ކަމެއް ވެސް ނުކުރާނެ. ރާއްޖޭގެ އިގްތިސާދަށް މިހެން ދިމާވާންޖެހޭ ސަބަބެއް ނޭނގެ، މި ވަމުންދާ ގޮތްތައް ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ." މެންބަރު އަޙުމަދު ދީދީ ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ މިހާރު ވެސް މުހިންމު ސުވާލުތަކެއް ކޮށް އޭގެ ޖަވާބު ނުލިބިފައި ވާއިރު، ބައްދަލުކުރަން މިނިސްޓްރީއަށް ދިޔުމުން ބައްދަލުކުރާނެ މީހަކު ވެސް ނުވި ކަމަށެވެ. އެގޮތުން ފިއްޓޭގެ އެންމެ މުހިންމު އެއް ސުވާލެއްގެ ގޮތުން ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ޑައިރެކްޓް ސަބްސިޑީޒް ކަނޑައަޅާފައި ވާއިރު، އަދި އެފައިސާ ދޭންޖޭހޭ އެންމެ ބޭނުންތެރި ފަރާތްތައް ދެނެގަންނާނެ ފޯމިއުލާ ވެސް ކަނޑައަޅާފައި ވާއިރު، ކިތައް ބޭފުޅުންނައްތޯ ޑައިރެކްޓް ސަބްސިޑީޒް ލިބިފައިވަނީ އެނެގެން ބޭނުންވާ ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، ދިވެހި ރައްޔިތުން ތަހަންމަލުކުރާ ދަތި އުނދަގޫ ހާލަތު ގުޅިފައިވަނީ އިގްތިސާދާއި ފައިސާއާ ކަމަށްވުމުން ވާން އުޅޭ ގޮތާ ގުޅޭގޮތުން ސުވާލުތައް މިނިސްޓަރާ އަމާޒުކުރަން ބޭނުންވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާއި ސަރުކާރުން ބަޖެޓު ހަރަދުކުރަމުންދާ ގޮތް އެއްވެސް ގޮތަކަށް ދިމާނުވާ ކަމަށާ މިކަހަލަ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި މާލިއްޔަތު ކޮމިޓީއެއް ހަދާފައި އޮތްނަމަވެސް އެ ކޮމިޓީއަށް އަދި މިއަދާ ހަމައަށް ބަޖެޓު ފާސްކުރި ފަހުން ވަޒީރަކު ހާޒިރު ކުރެވިފައި ނުވާކަމަށް ވެސް މަޓޭ ވިދާޅުވިއެވެ.
"ވަޒީރު ހާޒިރުނުވާތީ އަޅުގަނޑުމެން އިސްނަގައިގެން އަޅުގަނޑުމެން މަޖިލިސް މެދުވެރިކޮށް ވަޒީރު މަޖިލީހަށް ހާޒިރު ކުރުމަށް އެތައް ސުވާލެއް ފޮނުވައިފިން. މީގެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ،" މަޓޭ ވިދާޅުވި އެވެ.
އެމްޑީޕީން މިހާރު ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓުމެއް ނެތި ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް މި މުޒާހަރާ ނިންމާލަމުން ވެސް މުޒާހަރާގެ ބައިވެރިން ބުނެޏެވެ. އަދި ރައީސް މުއިއްޒުގެ މި ސަރުކާރުން، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ. އަދި އެކަމާގުޅޭ ބޮޑު މުޒާހަރާ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ވެސް އެ ޕާޓީން ވަނީ ނިިންމާފައެވެ.