އޭޝިއާ އާއި އެމެރިކާގެ ލީޑަރުންނާއި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ވިސްނުން ބަދަހިކުރުމުގެ މަގްސަދުގައި 1956 ވަނަ އަހަރު އުފެދުނު ބައިނަލްއަގުވާމީ ގޮތުން ހިންގާ އަދި ވަކި ފަރާތަކަށް ނުޖެހޭ ޖަމިއްޔާއެއް ކަމަށްވާ އޭޝިއާ ސޮސައިޓީގެ، މި ނެޓްވޯކަކީ ސިޔާސީ، ތައުލީމު، ޓެކްނޮލޮޖީ، އާޓްސް އެންޑް ކަލްޗާ، އަދި ވިޔަފާރި ފަދަ ތަފާތު ދާއިރާތަކުން އެކި ގައުމުތަކުގެ ލީޑަރުންގެ ވިސްނުން ހިއްސާކޮށް އެ ލީޑަރުން ގުޅިގެން މަސައްކަތް ކުރެވޭނެފަދަ ޕްލެޓްފޯމެކެވެ.
އެގޮތުން އޭޝިއާ ސޮސައިޓީ ނެޓްވޯކުގައި ދުނިޔޭގެ 27 ގައުމަކުން ހޮވާލެވޭ 30 ލީޑަރަކު އެކުވެގެން އެ ގައުމުތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއެވެ. އަންނަ ޑިސެމްބަރު މަހުގެ ފަހަކުން ހަތެއްގެ ނިޔަލަށް ފިލިޕީންސްގެ މެނިލާގައި މި ނެޓްވޯކުގެ ހަރަކާތްތައް ކުރިއަށްދާއިރު، މިއީ މި ނެޓްވޯކަށް ރާއްޖޭގެ މެންބަރަކު ހޮވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.
ލީޑަޝިޕް ދެއްކުމާ ގުޅޭގޮތުން ގެންގުޅެންޖެހޭ ކަންކަން ދަސްކޮށް، އެކަމުގެ ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް މި ނެޓްވޯކުގެ މިއަހަރުގެ ހަރަކާތުގައި ހަމަޖެހިފައި ވާއިރު، ގުޅުންތައް ބަދަހިކޮށް، އެކި ދާއިރާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރާނެއެވެ.
މިއަހަރުގެ މައުޟޫއަކީ، "ހިތްވަރުގަދަ ލީޑަޝިޕަކަށް ކުރާ ދަތުރު" މިއެވެ. ސަފާތަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކަނބަލެކެވެ. އެގޮތުން ރާއްޖޭގެ އެންމެބޮޑު އެއް ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެކިއެކި ހަރަކާތްތަކުގައި، އޭގެ އެންމެ ކުރީސަފުން ސަފާތުގެ ބައިވެރިވުން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.