
އެ ދެ މަގާމަށް ދެބޭފުޅުން އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދެއްވުން އެދި ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މަޖިލިހުގެ ރިޔާސަތުން ފޮނުވި އެވެ.
ސީއެސްސީގެ ރައީސަކަށް އައްޔަން ކުރައްވަން މަޖިލިހަށް ނަން ފޮނުއްވި މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.
މުޖުތާޒް އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ނާސިހު މިހާރު ސީއެސްސީގެ ރައީސަކަށް ހުންނެވިއިރު، އޭނާ އެކޮމިޝަނަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ.
މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކުރުމަށް މިސަރުކާރުން ކުރިއަށް ގެންދިޔަ ސިލްސިލާއެއްގައި ނާސިހް ވަކިކުރަން 2024 ވަނަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހެޅިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހުގެ މައްސަލަ ބެލިނަމަވެސް އެންމެފަހުން ނިންމީ އޭނާ އެ މަގާމުގައި ބެހެއްޓުމަށެވެ.
ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ނާސިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައި ސަރުކާރު ބޭނުންވި ގޮތަށް ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރުމަށާއި އައްޔަނުކުރުމަށް ވަނީ ވޯޓް ދެއްވާފައެވެ.




