ސިވިލްސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ވެލާނާގެ އޮފީސް އިމާރާތް.--
މުއައްޒަފުންގެ ބޮލުގައި ކަޅު ނޫން ކުލައެއް ޖެއްސުން ސިވިލްސާވިސްއިން މަނާކޮށްފި
އަދި މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައި، ފިރިހެނުން މޭކްޕްކުރުން މަނާކޮށް ސިވިލްސާވިސް މުވައްޒަފުންގެ ގަވާއިދު ވަނީ އިސްލާހު ކޮށްފައި
މަރްޔަމް މުޙައްމަދު 31 ޑިސެމްބަރ 2025 (ބުދަ)   13:13
ސިވިލްސާވިސް އަންހެން މުއައްޒަފުންގެ ބޮލުގައި ކަޅު ނޫން ކުލައެއް ޖެއްސުން މަނާކޮށް، މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައި، ފިރިހެނުން މޭކްޕްކުރުން ވެސް މަނާކޮށް ސިވިލްސާވިސް މުވައްޒަފުންގެ ގަވާއިދު އިސްލާހު ކޮށްފިއެވެ.

ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވިތާ 10 ދުވަސް ފަހުންނެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް-1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާއީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު އެމަނިކުފާނާ ކުރަމުން އަންނަ ކަމަށާ، އެހެންކަމުން ސިވިލްސާވިސް މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް އެ ކޮމިޝަނަށް އެމަނިކުފާނު ދަންނަވާފައިވާނެ ކަމަށެވެ.

ދިވެހި ސިވިލް ސާވިސް ގަވާއިދު 2014 އަށް 15 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު މިއަދު އާންމުކޮށްފައިވާއިރު އެ ގަވާއިދުގައިވާގޮތުން އަންހެން މުވައްޒަފުންގެ ހެދުން ފައިގެ ތަނބިކައްޓަށްވުރެ ކުރުވެގެންނުވާނެ އެވެ. އަދި ހެދުމުގެ ގޮތުގައި ބޭނުންކުރެވޭނީ ދިވެހި ލިބާހާއި އޮފީސް ހެދުމެވެ. އަދި ހެދުން ފަހާފައި ހުންނަންވާނީ އޮފީސް މާހައުލާ ގުޅޭ ފޮއްޗަކުންނެވެ.

މީގެ އިތުރުން އަންހެން މުވައްޒަފުންގެ ބޮލުގައި ކަޅު ނޫން އެހެންކުލައެއް ޖެއްސުމަކީވެސް ނުވަތަ ކުލައަކުން ޝޭޑް ކުރުމަކީވެސް މަނާ ކަމެކެވެ.

ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.

މީގެއިތުރުން ފިރިހެން މުވައްޒަފުން އޮހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ. ހެދުމުގެ ގޮތުގައި ފިރިހެން މުއައްޒަފުންނަށް ބޭނުންކުރެވޭނީ އަތްދިގު ގަމީހާއި އަތްކުރު ގަމީހާއި ބުޝް ގަމީހެވެ. އަދި ބެގީކޮށްފައި ހުންނަންވާނީ ބެލްޓް ނޮފޮރުވޭ ވަރަށެވެ.

ކޮމެންޓް