އއ.ތޮއްޑޫ ކައުންސިލް އިދާރާގެ މުއައްޒަފުން
މިހާތަނަށް މުސާރަ ބޮޑުނުކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި
މަރްޔަމް މުޙައްމަދު 28 ސެޕްޓެމްބަރ 2025 (އާދީއްތަ)   20:00
މިހާތަނަށް މުސާރަ ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަތައް އަންނަ ނޮވެންބަރު އެކަކުން ފެށިގެން ބޮޑުކުރައްވަން ނިންމެވިކަން ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައި ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ފެށީ، ފާއިތުވި އެމްޑީޕީ ސަރުކާރުން ނެވެ.

އެ ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ނިންމަވައި، އެކަން އިއުލާނުކުރެއްވީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެކަން ހާމަކުރައްވާ ވިދާޅުވީ، 2024 ވަނަ އަހަރުން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށާ، އެ ބަދަލުގެ ސަބަބުން 44،208 މުވައްޒަފެއްގެ މުސާރަ ބޮޑުވާނެ ކަމަށެވެ.

އެހެންކަމުން އެ ސިޔާސަތުގެ ދަށުން ޓީޗަރުންނާއި ނަރުހުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ވެސް، އެ ސަރުކާރު ނިމުމަކަށް އައި އިރު ވަނީ ބޮޑުކޮށްފައެވެ. މިސަރުކާރު ވެރިކަމަށް އައިތާ ދެއަހަރެއްހާ ދުވަސް މިހާރު ވެފައި ވާއިރު، އެ ސިޔާސަތު އެއްވެސް ވަރަކަށް ތަންފީޒުނުވެ ވަނީ ހުއްޓިފައެވެ. އެހެންއެކަން އޮތުމުގެ ސަބަބުން މުސާރަތައް ބޮޑުނުވެ ހުރި ސިނާއަތްތަކުގެ ސިވިލްސާވިސް މުއައްޒަފުންގެ ކަންބޮޑުވުމާއި ޝަކުވާތައް ގިނަވެފައިވަނިކޮށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި އަހަރު ތެރޭ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށާ، މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމަނާފައި ވާނެ ކަމަށެވެ.

ޕޭ ހާމަނައިޒްކުރުމާ އެކު މުސާރައާއި އިނާޔަތްތަކަށް ދައުލަތުގެ މާލިއްޔާތުން ކުރާ ހޭދަ އެތައްތަނެއް އިތުރުވެގެން ދާނެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް 9.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި ވާއިރު، އެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 575 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ.

މިހާތަނަށް މުސާރަ ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަތައް އަންނަ ނޮވެންބަރު އެކަކުން ފެށިގެން ބޮޑުކުރައްވަން ނިންމެވިކަން ހާމަކުރައްވާ ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވި ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން، ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ އެ ކަމުގެ ކަންބޮޑުވުން ފާހަގަކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް