ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ބީއެމްއެލް
ރާއްޖޭގައި ޗައިނީޒް ޔުއާން އެކައުންޓުގެ ޚިދުމަތް ފަށައިފި
ފިޔެސް 22 ސެޕްޓެމްބަރ 2025 (ހޯމަ)   17:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް ތައާރަފްކުރުން އޮތީ މިއަދު މެންދުރުފަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިން ހުއާ އާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އަލަށް ތައާރަފްކުރި މި ޚިދުމަތަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބޭންކުން ބުންޏެވެ.

މިއަދު ބީއެމްއެލް އިން ތައާރަފްކުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ޗައިނީސް ޔުއާން އެކައުންޓް: އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން.

ޗައިނީސް ޔުއާންއިން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ޚިދުމަތް: ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ޓީޓީ ފޮނުވުމާއި ޗައިނީސް ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން.

ލެޓާ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން. މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ.

ވީޗެޓް ޕޭ: ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓާކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހިންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައް ވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.

ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ. އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފާ ވެސް ކުރެވޭނެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ ޝަރީފު ވިދާޅުވީ އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ މީހުންގެ ބީއެމްއެލް ވިސާ ނުވަތަ މާސްޓަކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތުންނެވެ.

"މީގެ މާނައަކީ މިހާރު ތިޔަބޭފުޅުންނަށް ޗައިނާގައި މާޗަންޓުންނަށް ސީދާ ގޮތެއްގައި ފައިސާ ދެއްކޭނެއޭ. ކުރުކޮށް ބުނާ ނަމަ ޗައިނާގައި ޗައިނާ މީހަކު ފައިސާ ދައްކާހެން ފައިސާ ދެއްކޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް މިހާރު އެ މީހުންގެ ވީޗެޓް ވޮލެޓަށް، ޔުއާން އިން ސީދާ ގޮތެއްގައި ފައިސާ ޖަމާކުރެވޭނެ އެވެ. އެއާއެކު، ވީޗެޓް ވޮލެޓް ބޭނުންކުރާ މީހުންގެ މެދުގައި އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އިން މިއަދު ތައާރަފްކުރި ހިދުމަތްތަކާ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.

ކޮމެންޓް