ރައީސް މުއިއްޒު އއ.ތޮއްޑޫގައި ޑޮލަރު އޭޓީއެމް އިފްތިތާހު ކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ޖުނާން އަޙުމަދު 23 ސެޕްޓެމްބަރ 2025 (އަންގާރަ)   21:10
ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ހުރިހާ ރަށެއްގައި ވެސް ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން، އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް އަންނަ އަހަރުގެ ކުރީކޮޅު ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ވައުދު މިހާރު ފުއްދާފައި ވާނޭކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވިދާޅުވީ، ޑޮލަރު އޭޓީއެމް ބަހައްޓާނީ ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ކަމަށެވެ.

އަދި މި މަޝްރޫއު އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑު ވާނީ ބޭންކުގައި ދަންނަވާފައި، ރާއްޖޭގައި ހުރިހާ އާބަން ސެންޓަރުތަކެއްގައި ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ރަށްތަކާއި ސިޓީތަކުގެ ތެރެއިން ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ތަންތަނާއި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ނަގައިގެން ޖުމްލަ 40 ރަށުގައި، އިތުރު 40 ރަށުގައި މި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަހައްޓަން،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނޮވެމްބަރު 11 އިން ފެށިގެން ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ޕީއޯއެސް މެދުވެރިކޮށް ޑޮލަރު ކެނޑޭ އަދަދު 500 ރުފިޔާއިން 1,000 ރުފިޔާއަށް އިތުރުކުރާނެ ކަމަށާއި، އެއާލައިން ޓިކެޓާއި ބޭރު ހޮޓާތަކަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3,000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަން ވެސް ރައީސް މުއިއްޒު މުލީގައި ވަނީ އިއުލާން ކުރައްވާފައެވެ.

ލޯކަލް ޓޫރިޒަމް މިހާރު އެންމެ ކުރިއަރަމުން އަންނަ އެއްރަށް ކަމަށްވާ އއ.ތޮއްޑޫގައި ވެސް ރައީސް މުއިއްޒު ވަނީ ހުސްވި އޯގަސްޓު މަހުގެ 20 ވަނަ ދުވަހު ޑޮލަރު އޭޓީއެމް އެއް އިފްތިތާހު ކޮށްދެއްވާފައެވެ. ނަމަވެސް އެ އޭޓީއެމްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާކަމުގެ ޝަކުވާ އާއި އެ އޭޓީއެމް އަކީ ހަމައެކަނި ޑޮލަރު ޖަމާކުރެވޭ ގޮތަށް ބަހައްޓާފައިވުމުން، ޑޮލަރު އެކައުންޓުން ފައިސާ ނަގަންޖެހެނީ ދިވެހި ފައިސާގެ ގޮތުގައި ކަމަށްވާތީ އެކަމުގެ ޝަކުވާ ވެސް ތޮއްޑޫ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް