އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޚަލީލް.- ފޮޓޯ: އެކްސް
ރާއްޖެ-އިންޑިއާ މަޝްވަރާކޮށް ގުޅުން ބަދަހިކުރުން މުހިންމު – ޚަލީލް
މަރްޔަމް މުޙައްމަދު 24 ސެޕްޓެމްބަރ 2025 (ބުދަ)   18:48
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މަޝްވަރާ ކުރުމަކީ އަބަދުވެސް މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު ޚަލީލް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ބައްދަލުވެފަ އެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ގުޅޭ ގޮތުން ޖައިޝަންކަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

ދެ ބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއަކާ އެކު އެކްސްގައި ކުރެއްވި ޕޯސްޓްގައި ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޚަލީލްއާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ދޭ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

އެ ޕޯސްޓް، ރީ-ޕޯސްޓު ކުރައްވައި މިނިސްޓަރު ޚަލީލް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ޖައިޝަންކަރާ ބައްދަލުވުމަކީ ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަދި ދެ ގައުމުގެ ގުޅުމާ އެކުގައި މަސައްކަތް ކުރުމާ ގުޅޭ ވާހަކަތަކުގެ މަޝްވަރާ އަބަދުވެސް މުހިންމު ކަމަށް ހަލީލް ވިދާޅުވި އެވެ.

އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިވާނެ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް މި ހަފްތާގައި ވަނީ ފަސްކޮށްދީފަ އެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. އޭގެ ތެރޭގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއާއެކު ގުޅުން ބަދަހިވެފައި އޮތުމާއެކު، އިންޑިއާ ސިފައިން ރާއްޖޭގައި ގިނަ އަދަދަކަށް ތިބި ކަމަށްބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕޭން ހިންގިއެވެ. އެ ކެމްޕޭނުގައި މިހާރުގެ ރައީސް ޑރ. މުއިއްޒާއި ފޮރިން މިނިސްޓަރު ޑރ. ޚަލީލް އަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް