މިއީ ދިވެހި ސަރުކާރުން އެސްބީއައި (ސްޓޭޓް ބޭންކް އޮފް އިންޑިއާ) އަށް ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދަރަނީގެ ގޮތުގައި އެ ބޭންކަށް ދައްކަންޖެހޭ މިންވަރު ކަމަށްވާއިރު، އެ ޓީބިލް ދައްކަން ޖެހެނީ މިއަދުގެ ނިޔަލަށެވެ.
ހުސްވި 2024 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ފަސްކޮށްދިނީ ޓީބިލްގެ ބާކީ ނުދައްކާ އޮތް އަދަދު ކަމަށްވާއިރު، އެގޮތަށް ނިންމެވީ އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން އިއްޔެ ފިނޭންސް މިނިސްޓްރީގައި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.
އިއްޔެގެ ބައްދަލުވުމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ، އިންޑިއާ ސަރުކާރުގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށާ، އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރި ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަށް ކަނޑައަޅާފައިވާ 750 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން 400 މިލިޔަން ޑޮލަރު ސަރުކާރުން ބޭނުން ކުރަން ފަށާފައި ވާއިރު، ބާކީ 30 ބިލިޔަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ވެސް ނެގުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ސަރުކާރުން މަޝްވަރާތައް ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެ ޓީބިލަކީ ދިވެހި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 2019 ވަނަ އަހަރު ނެގި 200 މިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެވެ. އޭގެ ތެރެއިން 50 މިލިޔަން ޑޮލަރަކީ ހިލޭ އެހީ ކަމުގައި ވާއިރު، ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ.
އޭގެ ތެރެއިން ހުސްވި އަހަރުގެ ޖެނުއަރީ މަހު، 50 މިލިޔަން ޑޮލަރު (770 މިލިޔަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފައި ވާއިރު، ބާކީ ނުދައްކާ ހުރި 100 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިޔަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް މަޑުޖައްސާލަދިނެވެ.