
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ، ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، 2025 ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
ނޮވެމްބަރު 3 ދިމާވަނީ ހޯމަ ދުވަހަކަށެވެ. އެހެންވެ 2 ވަނަ ދުވަސް ބަންދުކުރުމުން ހަފްތާ ބަންދާއެކު ޖެހިޖެހިގެން ހަތަރު ދުވަސް ބަންދުވާނެ އެވެ.
ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު އިސްނަގައި ބައިވެރިވެގެން ނޮވެމްބަރު 1988 ނޮވެމްބަރު 3 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވީތީ، ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.
ދުރާލައި ރޭވިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ 8 މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްލިބި އަނިޔާވިއެވެ.




