ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އެރުވުން.-- ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ ހާއްސަ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
މަރްޔަމް މުޙައްމަދު 3 ނޮވެމްބަރ 2025 (ހޯމަ)   10:37
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މިއަދު އަރުވައިފިއެވެ.

މި ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އެރުވީ ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.

މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ނޮވެމްބަރު 3، ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާ ކުރުމަށެވެ.

އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 މީހަކާއި އާންމުންގެ 11 ބޭފުޅެކެވެ.

އެ ހަމަލާ ނާކާމިޔާބުވުމުން ތަމަޅަ ހަނގުރާމަވެރިން ފިލައިގެން ދިޔައީ މާލޭ ބަނދަރުގައި އޮތް އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓްގަ އެވެ. އެކަމަކު ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، އިންޑިއާ ސިފައިން ހަމަލާދީ ފައްތާލި އެވެ. އެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރުގެ އިތުރުން، މަރުނުވެ ތިބި ޓެރަރިސްޓުން އަތުލައިގަނެގެން މާލެ ގެނަ އެވެ. އަދި ރަހީނުކޮށްގެން ގެންދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތްކުރި އެވެ.

ލުތުފީ އާއި ނާސިރުގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، އިއްވީ މެރުމުގެ ހުކުމެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަށް އޭރުގެ ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، ރައީސް މައުމޫން އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެ އުދުވާނީ ހަމަލާއާ ގުޅިގެން ހުކުމް ކުރި އެންމެން މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމިފައެވެ.

ކޮމެންޓް