ޝަހީދު ކޯޕަރަލް ހުސައިން އާދަމްގެ ހަނދާނުގެ ބިނާ.-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
ޙަސަން އިބްރާހީމް 3 ނޮވެމްބަރ 2025 (ހޯމަ)   19:18
އެދުވަހަކާ ގުޅިގެން މިއަދު ނަސްރުގެ ދުވަސް ފާހަގަކުރާ 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް، ކުޅުދުއްފުށި ސިޓީގައި ހަނދާނީ ބިނާއެއް ތަރައްގީކޮށް ހުޅުވައިފިއެވެ.

މި ބިނާ މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

މި ހަނދާނީ ބިނާ އިން ރަމްޒުކޮށްދެނީ ރާއްޖެއަށް އެދުވަހު އުދުވާނީ ހަމަލާދިން ޓެރެރިސްޓުންނާ ދެކޮޅަށް ރައްދު ހަމަލާ ދިނުމަށް ޝަހީދު ހުސައިން އާދަމް ބޭނުންކުރެއްވި އޭކޭ 47 ގެ ބަޑީގެ ނަކަލެކެވެ. ހަތް ފޫޓް ދިގުމިނުގައި ތައްޔާރުކޮށްފައިވާ މި ބަޑިއާއެކު، ޝަހީދު ހުސެއިން އާދަމް އެދުވަހު ހުންނެވި ސަރަހައްދު ކަމަށްވާ ސިފައިންގޭގެ މައި ދޮރޯށި ކައިރި ފާރުގެ ނަކަލާއެކު އެފާރަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ދައްކުވައިދެއެވެ.

މި ބިނާ ތަރައްގީކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަމައިދާނުގަ އެވެ.

މި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރު އާތިފް ވިދާޅުވީ، މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫންކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، އެންމެ ފަހުން މި ގައުމުގެ މިނިވަންކަމުގެ އަގަކަށްވީ، މީގެ 37 އަހަރު ކުރިން ޝަހީދުވި ހުސައިން އާދަމްގެ ފުރާނަފުޅާއި އެ ދުވަހު ޝަހީދުވި އެންމެންގެ ލެޔާއި ފުރާނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރި އަތޮޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލު އުތީމު ބޮޑުތަކުރުފާނަކީ ވެސް ބޮޑުތިލަދުންމަތީގެ ދަރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް