ލުބްނާންގެ ކޮލެޖް ދަރިވަރުންތަކެއް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ މުޒާހަރާ ކުރަނީ - ފޮޓޯ: ރޮއިޓަރސް
ޔަހޫދީންގެ އަނިޔާތަކުން މިންޖުވުމަށް ލުބްނާންގެ އަސްކަރިއްޔާ ނުކުންނަނީ
ޖުނާން އަޙުމަދު 31 އޮކްޓޯބަރ 2025 (ހުކުރު)   14:25
އިސްރާއީލްގެ އަނިޔާވެރި ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުން މިންޖުވުމުގެ މަސައްކަތް ފެށުމަށް ލުބްނާންގެ ރަައީސް ޔޫސުފް ޢަވްން އެ ގައުމުގެ އަސްކަރިއްޔާއަށް އަންގަވައިފިއެވެ.

ބައިނަލް އަގުވާމީ މީޑިއާތަކުން މިއަދު ރިޕޯޓްކުރަމުން އަންނަ ގޮތުގައި، ޢަވްން ލުބްނާންގެ އަސްކަރިއްޔާއަށް މިގޮތަށް އިރުޝާދު ދެއްވާފައި މިވަނީ، ލުބްނާންގެ ދެކުނުގެ ރަށްތަކަށް މިހާރު ޔަހޫދީން ވަދެގަނެގެން، ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުންނެވެ.

ޔަހޫދީން އެ ގައުމުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ރައީސް ޢަވްން އެ ގައުމުގެ އަސްކަރިއްޔާއަށް އިރުޝާދު ދެއްވައި، އެ ކަން އިއުލާނު ކުރުމާ އެކު، ޔަހޫދީން ފައުޖުން މިހާރު ވަނީ ޢަވްން އަށް ބިރުދައްކަން ފަށާފައި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ގޮތުން ޔަހޫދީ އަސްކަރިއްޔާގެ މަތިންދާބޯޓުތަކެއް ލުބްނާންގެ ވެރިރަށް ބައިރޫތުގެ ވައިގެ ސަރަހައްދަށް ޔަހޫދީން ފޮނުވާފައި ވާއިރު، އެ ބޯޓުތައް ފޮނުވާފައި ވަނީ، ލުބްނާންގެ މިނިވަން ކަމާއި އިސްތިގުލާލް ފޫއަޅުވައިލުމަށް ފަހުގައި ކަމަށް ޔަހޫދީންގެ މީޑިއާތަކުން ވެސް ފަހުރުވެރިކަމާއެކުގައި އަންނަނީ ބުނަމުންނެވެ. އަދި އެ މަތިންދާބޯޓުތަކުން ވަނީ ބައިރޫތުގައި ހުރި ރިޔާސީ ގަނޑުވަރުގެ މަތިން ދަތުރުކޮށް ރައީސް ޢަވްނަށް ބިރުދައްކާފައެވެ.

ޢަވްން ލުބްނާންގެ އަސްކަރިއްޔާއަށް، ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންގި އެންގުމާ، ޙިޒްބުالله އިން ވެސް ވަނީ ތާއީދު ކޮށްފައެވެ. ލުބްނާންގައި ހަރަކާތެރިވާ މުޖާހިދުންގެ ޖަމާއަތް ކަމަށްވާ، ޙިޒްބުالله އާއި ޔަހޫދީ ސިފައިންނާ ދެމެދު މީގެ ކުރިން ހަމަލާ ބަދަލު ކުރަމުން ދިޔަ ނަމަވެސް، 2024 ވަނަ އަހަރު ނޮވެންބަރު މަހު، ލުބްނާނާއި ޒަޔަނިސްޓު ދައުލަތާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޙިޒްބުالله އިން ވަނީ ޔަހޫދީންނަށް އަމާޒުކޮށް ދެމުން ދިޔަ ވަރުގަދަ ހަމަލާތައް މެދުކަނޑައިލާފައެވެ.

ކޮމެންޓް