
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ޕީއާރްސީގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރު ޢަބްދުލްހާދީ އެ ގޮފި އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރައްވާފައި ވާއިރު، އެ ޖަމާއަތަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ގަތުލުއާންމެއް ހިންގަން ފެށި ހިސާބުން ވެސް ފަލަސްޠީނުގައި ހަރަކާތްތެރިވާން ފަށާފައިވާ ޖަމާއަތެކެވެ.
ޣައްޒާގެ "ދަޔިރް އަލްބަލަޙް" ކައިރި ސަރަހައްދެއްގައި ކޮމާންޑަރު ވަސީމް ޢަބްދުލްހާދީ ޝަހީދު ކޮށްލާފައި ވަނީ އަނިޔާވެރި ސަހްޔޫނީންގެ ލާއިންސާނީ ޖަރީމާތަކެއްގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޕީއާރްސީން ވެސް، ޢަބްދުލްހާދީ ޝަހީދު ކޮށްލާފައިވާ ކަން މިހާރު ކަށަވަރު ކޮށްދީ ބުނެފައިވަނީ، އޭނާ ޝަހީދު ކޮށްލުމަށް ހިންގާފައިވާ އޮޕަރޭޝަނަކީ ވަރަށް ވެސް ފިނޑި އަމަލެއްކަމަށެވެ.
ބަދަލު ހިފުމުގެ ގޮތުން ހަމަލާތަކެއް ދޭނެ ކަން އެ ޖަމާއަތުން ހާމަކޮށްފައި ނުވާއިރު، އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ޔަހޫދީން ވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޣައްޒާގައި ޔަހޫދީން ހިންގި ގަތުލު އާންމުގައި 68,000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާ، 158,000 އަށްވުރެ ގިނަ މީހުން ޒަހަމު ވެސް ކޮށްލާފައި ވާއިރު، ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި މުސްކުޅިން ކަން ފާހަގަކޮށްލެވެއެވެ.
އަދި، ޔަހޫދީންގެ އެ ގަތުލުއާންމު ނިމުމަކަށް ގެނައުމަށް އޮކްޓޫބަރު 10 ވަނަ ދުވަހު ހަމާސްއާ އެކުގައި އެއްބަސްވުމަކަށް އައިސްފައި ވީނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް ޔަހޫދީން އަދިވެސް ދަނީ ފަލަސްޠީނުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.




