އީރާންގެ ހަމަލާއެއްގައި އިޒްރޭލަށް ލިބިފައިވާ ގެއްލުން - ފޮޓޯ: ތެހްރާން ޓައިމްސް
ނިރުބަވެރި ޔަހޫދީން ޣައްޒާއަށް އަނެއްކާވެސް ހަމަލާދޭން ފަށައިފި
މަރްޔަމް މުޙައްމަދު 29 އޮކްޓޯބަރ 2025 (ބުދަ)   09:59
ޔަހޫދީންގެ ނިރުބަވެރި ފައުޖުތަކުން، ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދޭން ފަށައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން މި ހަމަލާތައް ފަށާފައި ވާއިރު، 2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ލާއިންސާނީ ހަމަލާތައް ދެ އަހަރު ވަންދެން ދެމުން ގެންދިޔައެވެ. ނަމަވެސް ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ސޮއިކޮށް، އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައި ވަނީ މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އެއްބަސްވުމާ ހިލާފަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދީފައި ވާއިރު، އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އެންމެ ފަހުން ދީފައިވާ ހަމަލާތަކުގައި 26 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި މެދުތެރޭ ޣައްޒާގައި ހުންނަ ބުރީޖު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކުން ފަސް މީހުންނާއި ޣައްޒާ ސިޓީގެ ޞަބްރާ އަވަށުން ޝަހީދުވި ހަތަރު މީހުންނާއި ޚާން ޔޫނިސްގައި ދަތުރުކުރަމުންދިޔަ ކާރެއްގައި ތިބި ފަސް މީހުން ހިމެނެއެވެ.

ސީދާ ނަތަންޔާހޫގެ އަމުރަށް އަންގާރަ ދުވަހު ދޭން ފެށި ހަމަލާތައް ބުދަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ކުރިއަށް ގެންގޮސްފައިވާއިރު، ޔަހޫދީންނާއި ޙަމާސްއާ ދެ ފަރާތުން ވެސް ދަނީ ދެ ބައި މީހުން ވެސް އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށާއި އެއްބަސްވުމާ ހިލާފު ނުވާ ކަމަށް ޙަމާސް އިން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ކޮމެންޓް