ރަފާ އާއި އިމްއާން އާ ސައްތާރު ދިދަ ހަވާލުކޮށްދެއްވަނީ - ފޮޓޯ: އެމްއޯސީ
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި ރަފާއާއި އިމްއާން
ޖުނާން އަޙުމަދު 7 ނޮވެމްބަރ 2025 (ހުކުރު)   19:04
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި، ގައުމީ ގިނަ ރެކޯޑަތަކެއް ހަދާފައިވާ ފެތުންތެރިޔާ ޢަލީ އިމްއާން އާއި، އެންމެ ފަހުގެ ގައުމީ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް ހަމަޖައްސައިފިއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ދިދަ އުފުލާނެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކުރެއްވީ، ރިޔާދުގެ އެތުލީޓްސް ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯސީ (މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ)ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އެވެ.

އިސްލާމިކް މިރޭ ރާއްޖެ ގަޑިން 10:00 ގައި ފަށާއިރު، ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ހޭންޑްބޯޅަ، އެތުލެޓިކްސް، ސްވިމިންގެ އިތުރުން ޓޭބަލް ޓެނިހެވެ. ދިވެހިރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތަރު ކުޅިވަރަކުން 49 އެތުލީޓުންނެވެ.

ގައުމީ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ގައުމީ ފެތުންތެރިޔާ ޢަލީ އިމްއާން، 2023ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު އަދި 200 މީޓަރު ބެކްސްޓްރޯކް ގައުމީ ރެކޯޑް ހަދާފައި ވާއިރު، ރާއްޖެއަށް ރަން މެޑަލްވެސް ގެނެސްދީ އަދި ގައުމީ ތަށި ތިން ފަހަރު ހޯދައިފައިވާ ރަފާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓީޓީ ކުޅުންތެރިޔާއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ދިދަ އުފުލާނެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކުރެއްވި އިވެންޓްގައި އެތުލީޓުންނާ ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ކޮންމެ އެތުލީޓަކުވެސް މަސައްކަތް ކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ ގައުމީ ދިދަ އުފުލާލުމުގެ ޝަރަފް ލިބިގަތުމަށްކަމަށެވެ. އަދި މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ރާއްޖޭގެ ހުރިހާ އެތުލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭނެ ކަމެއްކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.

ކޮމެންޓް