އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއޯސީ
ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކުލަގަދަ ރަސްމިއްޔާތަކުން ފަށައިފި
ޖުނާން އަޙުމަދު 8 ނޮވެމްބަރ 2025 (ހޮނިހިރު)   11:21
ސައުދީ އަރަބިއްޔާގެ ރިޔާދުގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތަކުން ފަށައިފިއެވެ.

ރޭގެ ރަސްމިޔާތުގައި، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސައުދީ އަރަބިއްޔާގައި އެންމެ ފުރަތަމަ ބޭއްވިއިރުގެ އުސްއަލިތައް ދައްކާލާފައި ވާއިރު، މިފަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފްލެގް ބެއަރާސްގެ ގޮތުގައި ތިބީ، ރަފާއާއި އިމްއާން އެވެ. އެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކުރެއްވީ، ރިޔާދުގެ އެތުލީޓްސް ވިލެޖްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯސީ (މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ)ގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އެވެ.

ގައުމީ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާ ގައުމީ ފެތުންތެރިޔާ ޢަލީ އިމްއާން، 2023ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު އަދި 200 މީޓަރު ބެކްސްޓްރޯކް ގައުމީ ރެކޯޑް ހަދާފައި ވާއިރު، ރާއްޖެއަށް ރަން މެޑަލްވެސް ގެނެސްދީ އަދި ގައުމީ ތަށި ތިން ފަހަރު ހޯދައިފައިވާ ރަފާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓީޓީ ކުޅުންތެރިޔާއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ދިދަ އުފުލާނެ ދެ އެތުލީޓުންނާ ރަސްމީކޮށް ދިދަ ހަވާލުކުރެއްވި އިވެންޓްގައި އެތުލީޓުންނާ ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ކޮންމެ އެތުލީޓަކުވެސް މަސައްކަތް ކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ ގައުމީ ދިދަ އުފުލާލުމުގެ ޝަރަފް ލިބިގަތުމަށްކަމަށެވެ. އަދި މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ރާއްޖޭގެ ހުރިހާ އެތުލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭނެ ކަމެއްކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރޭ ރާއްޖެ ގަޑިން 10:00 ގައި ފަށާފައި ވާއިރު، މިފަހަރު ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ ހޭންޑްބޯޅަ، އެތުލެޓިކްސް، ސްވިމިންގެ އިތުރުން ޓޭބަލް ޓެނިހެވެ. ދިވެހިރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތަރު ކުޅިވަރަކުން 49 އެތުލީޓުންނެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އެންމެ ފަހުން ބާއްވާފައި ވަނީ، ތުރުކީގެ ކޮންޏާގައި 2022 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެއިން ވާދަކުރީ ފެތުން، ޓޭބަލް ޓެނިސް، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އާއި، އެތުލެޓިކްސްގައެވެ.

ކޮމެންޓް