ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު.- ފޮޓޯ: މަޖިލިސް
ބަޖެޓު އޮތްގޮތަށް ފާސްކޮށްފިނަމަ ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެންދާނެ
މިއަހަރަކީ ދައުލަތުގެ ދަރަނި އާދަޔާ ހިލާފަށް ބޮޑުވެ، އިގްތިސޯދީ ކުރިއެރުން ވަޅުޖެހުނު އަހަރެއް - ޑރ.ޝަމްހީދު
ފިޔެސް 16 ނޮވެމްބަރ 2025 (އާދީއްތަ)   19:24
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި އޮތް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ޑރ.ޝަމްހީދު ވިދާޅުވީ އަންނަ އަހަރު ދައުލަތުން ކުރާ ޚަރަދު ހަމަޖައްސަން 26 ބިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ބަޖެޓުގައި ބުނެފައިވާއިރު އެ ފައިސާ ނުހޯދިއްޖެ ނަމަ އަނެއްކާ ވެސް ސަރުކާރަށް ފައިސާ ޗާޕުކުރަން ޖެހޭނެކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރަނީ އަންނަ އަހަރު އަނެއްކާ އިތުރު ދެތިން ބިލިޔަން ރުފިޔާ ޗާޕުކުރާނެ ކަމަށް. އަޅުގަނޑުމެންނަށް އޮތް ނުރައްކަލަކީ މިގޮތަށް ބަޖެޓު ފާސްކޮށްގެން. އަޅުގަނޑުމެން ހޭދަކުރަން ފަށައިފިނަމަ މި ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެން ހިނގައިދާނެ. މި ރުފިޔާއަކީ އަގެއް ނެތް އެއްޗަކަށް ވެގެންދާނެ،" ޑރ.ޝަމްހީދު ވިދާޅުވި އެވެ.

މިއީ ޒިންމާދާރު ކަމާއެކު ގައުމެއްގެ މާލީ ކަންކަން ހިންގަން ޖެހޭނެ ގޮތް ނޫން ކަން ފާހަގަ ކުރައްވާ ޝަމްހީދު ވިދާޅުވީ މި އަހަރަށްވުރެ އަންނަ އަހަރު ރިކަރަންޓު ހަރަދަށް ކުރާ ހޭދައަށް 8 ބިލިޔަން ރުފިޔާ އިތުރުވެފައިވާ ކަމަށާ ތާރީހުގައިވެސް މުސާރަ ދިނުމަށް ލޯނު ނަގާ ފުރަތަމަ ފަހަރަށް ވާނެ ކަމަށެވެ.  


"2025 ވަނަ އަހަރު ނިމުމާ ހިސާބަށް އައިއިރު މިއަހަރު ވެގެން މިދިޔައީ ދައުލަތުގެ ދަރަނި އާދަޔާ ހިލާފަށް ބޮޑުވެ، އިގްތިސޯދީ ކުރިއެރުން ވަޅުޖެހި، ރައްޔިތުންގެ ތަރައްގީއަށް ބަޖެޓްކުރި އެތައް ބިލިޔަން ރުފިޔާ ފައިސާ ގޮތް ނޭގޭ ގޮތަށް އެކި ދިމަދިމާލަށް ހޭދަކޮށް ރައްޔިތުންގެ ތަރައްގީ އެތައް އަހަރެއް ފަހަތައް ޖައްސާލި އަހަރެއްގެ ގޮތުގައި." - ޑރ. ޝަމްހީދު


އަދި މި އަހަރު ނިމުމަކަށް އައިއިރު ދަރަނި އިތުރަށް ބޮޑުވެ، ބަޖެޓްކުރި ފައިސާ އިން ތަރައްގީގެ މަޝްރޫއުތައް ނުހިންގުނުކަންވެސް ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

"2025 ވަނަ އަހަރު ނިމުމާ ހިސާބަށް އައިއިރު މިއަހަރު ވެގެން މިދިޔައީ ދައުލަތުގެ ދަރަނި އާދަޔާ ހިލާފަށް ބޮޑުވެ، އިގްތިސޯދީ ކުރިއެރުން ވަޅުޖެހި، ރައްޔިތުންގެ ތަރައްގީއަށް ބަޖެޓްކުރި އެތައް ބިލިޔަން ރުފިޔާ ފައިސާ ގޮތް ނޭގޭ ގޮތަށް އެކި ދިމަދިމާލަށް ހޭދަކޮށް ރައްޔިތުންގެ ތަރައްގީ އެތައް އަހަރެއް ފަހަތައް ޖައްސާލި އަހަރެއްގެ ގޮތުގައި." ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2025 ވަނަ އަހަރުގެ ތަޖުރިބާއަށް ބަލައި ބަޖެޓްގެ ނަންބަރުތައް ޖަހާފައި ހުރިގޮތުން ބޮޑަށް ގަބޫލުކުރެވެނީ "މީހަމަ މި މަޖިލީހަށް ދައްކާލަން ހުށަހަޅާފައި އޮތް ބަޖެޓެއް" ކަމަށެވެ. އަދި "އެއްވެސް ކަހަލަ ރިއަލިސްޓިކް ފިގާއެއް" މަޖިލީހާ ހިއްސާކޮށްފައި ނެތްކަން ޑރ.ޝަމްހީދު ފާހަގަ ކުރެއްވިއެވެ.  

ކޮމެންޓް