ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި - ފޮޓޯ: މަޖިލިސް
މިއީ ރޭވުންތެރިކަމެއް ނެތް، ސިޔާސަތެއް ވެސް ނެތް ބަޖެޓެއް
"މި ސަރުކާރުން ހަމަ ކުރިން ބަޖެޓަށް ވެސް ކަންކުރިގޮތަށް މި ބަޖެޓާމެދުގައި ވެސް ކަން ކުރަމުން ދާނެކަން ވަރަށް ސާފު"
މުޙައްމަދު ޤާސިމް 18 ނޮވެމްބަރ 2025 (އަންގާރަ)   15:28
މިއީ ރޭވުންތެރިކަމެއް ނެތް އަދި ހަމަ އެއްވެސް ސިޔާސަތެއް ވެސް ނެތް ބަޖެޓެއް ކަމަށާ، މި ސަރުކާރުން ހަމަ ކުރިން ބަޖެޓަށް ވެސް ކަންކުރިގޮތަށް މި ބަޖެޓާމެދުގައި ވެސް ކަން ކުރަމުން ދާނެކަން ވަރަށް ސާފު ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާ ރެކޯޑު ބަޖެޓެއް ކަމަށްވާ، 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވަމުން މިއަދުގެ މަޖިލީހުގައި ސަމީރު ދެއްކެވި ވާހަކައިގައި، 64.2 ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ މިހާތަނަށް ރާއްޖޭގައި ހުށަހެޅުނު އެންމެބޮޑު ބަޖެޓުކަމަށް ވާއިރު، މިހާ ބޮޑު ބަޖެޓެއް މި ހުށަހެޅުނީ މި ގައުމުގެ ކަންކަން އިސްލާހުގެ މަގުން ގެންދިޔުމަށް ކަން ގަބޫލުކުރާއްވާ ކަމަށް ވިދާޅުވެ، ސަމީރުވަނީ މި ބަޖެޓުގައި ވަރަށް ކަންބޮޑުވާ އަދި ހަމަ އެހެންމެ ބޭނުންނުވާ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ހަގީގަތަކީ މި ބަޖެޓަކީ އެއްވެސް ރޭވުންތެރިކަމެއް އަދި ސިޔާސަތެއް ވެސް ނެތް ބަޖެޓެއް ކަމަށާ، އެހެން ދަންނަވާ ޖެހޭ ސަބަބަކީ، މި ބަޖެޓުގައި ސާޅީސް ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައި ވާއިރު، އޭގެތެރެއިން ބޮޑު އާމްދަނީއެއް އެ ހޯދަނީ ޓެކްސް މެދުވެރިކޮށް ކަމަށް ވީނަމަވެސް ފެނިގެންދަނީ ޓެސް ޕޭޔަރުން އެމީހުން ދައްކަމުންދާ ޓެކްސް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރަމުން ނުދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަތަން ކަމަށް ސަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ހަމަ ކުރިން ބަޖެޓަށް ވެސް ކަންކުރިގޮތަށް މި ބަޖެޓާމެދުގައި ވެސް ކަން ކުރަމުން ދާނެކަން ވަރަށް ސާފުކަމަށް ވިދާޅުވެ ސަމީރު ވިދާޅުވީ، ނިމިދިޔަ އަހަރު ފާސްކުރި 56.6 ބިލިޔަން ރުފިޔާގެ އެ ބަޖެޓަކީ އޭގެ ތަފްސީލުތައް މަޖިލީހާ ހިއްސާކުރެވިގެންދާނެ ބަޖެޓެއް ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަރަށް އަޑަށް ބާރުލައްވާފައި އޭރު ވިދާޅުވި ކަމަށާ، ނަމަވެސް ހިތާމަޔަކީ މިހާރު އަހަރު ނިމިގެންދާއިރު ވެސް އެ ބަޖެޓުން ކުރީ ކޮން ކަންތައް ތަކެއްކަން އަދި ވެސް ނޭނގޭއިރު، އެއްވެސް ތަފާސް ހިސާބެއް މަޖިލީހާ ހިއްސާ ވެސް ނުކުރާ ކަމަށް ސަމީރު ވިދާޅުވިއެވެ.


މި ބަޖެޓުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހައެއް ނުހޯދޭ، ބަޖެޓުގައި އާންމު ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އެޅިފައެއް ނެތް، ހަމަ އެއާއެކުގައި ދިރިއުޅުމުގެ ހަރަދު އިތުރަށް ބޮޑުވެގެންދާ އިރު، މި ބަޖެޓަކީ ވެސް އިތުރަށް ދަރަނި ނެގުމަށް މަޖުބޫރުވެފައިވާ ބަޖެޓެއްގެ ގޮތުގައި ފާހަގަކުރެވޭ" - ތޮއްޑޫ ދާއިރާގެ މެންބަރު ސަމީރު


2025 ވަހަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ހާސިލުނުވެ މިހާރު ވެސް ފެނިގެންދަނީ ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާ ތަން ކަމަށް ވިދާޅުވެ ސަމީރު ވިދާޅުވީ، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަޒީރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ފަސްޓު ކްލާހުގައި ދަތުރުކުރައްވާފައި އަގޮބޮޑެތި ހޮޓާތަކުގައި ތިއްބެވުމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ވަކިންބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އެ ދަތުރުފުޅުތައް އެގޮތަށް ކުރެއްވި ނަމަވެސް ބޭރުގެ އެއްްވެސް ފަރާތަކުން އެއްވެސް ވަރެއްގެ އެދެވޭ މަންފާއެއް ރާއްޖެއަށް ލިބިފައިނުވާ ކަމަށް ވިދާޅުވެ، ބޭރުގެ އެމްބަސީތަކަށް ކުރަމުންދާ ހަރަދު އިންތިހާއަށް ބޮޑުވެގެން ގޮސްފި ކަމަށާ، މި އަހަރުގެ ބަޖެޓުގައި ވެސް 96 މިލިޔަން ރުފިޔާ އެމްބަސީތަކަށް އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އަދި މިއަހަރު 270 މިލިޔަން ރުފިޔާ އެމްބަސީތަކަށް ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާކަން ފާހަގަކުރަމުން ސަމީރު ވިދާޅުވީ އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ފާއިތުވި ސަރުކާރުގައި 2019 ވަނަ އަހަރު ވާނީ ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ސަރުކާރަށް ހޯދައި ދީފައި ކަމަށެވެ. އަދި 2020 ވަނަ އަހަރު 972 މިލިޔަން ރުފިޔާ، 2021 ވަނަ އަހަރު 959 މިލިޔަން ރުފިޔާ، 2022 ވަނަ އަހަރު 480 މިލިޔަން ރުފިޔާ، 2023 ވަނަ އަހަރު 1 ބިލިޔަން ރުފިޔާ އެމްޑީޕީގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މި ދައުލަތަށް ހޯދައިދީފައި ވާއިރު، އެއީ ޖުމުލަކޮށް ބަލާނަމަ 4.7 ބިލިޔަން ރުފިޔާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ހިތާމަޔަކީ މި ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 1.2 ބިލިޔަން ރުފިޔާގެ ތެރެއިން ލިބިފައިވަނީ 664 ލިޔަން ރުފިޔާކަމަށް ވާތީ ކަމަށާ، އަދި ހަމަ މި ހިނގާ 2025 ވަނަ އަހަރު 2.5 ބިލިޔަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް 380 މިލިޔަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ 5 އަހަރުގެ މި ދައުރުގައި ބޭރުގެ ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބިފައި މިވަނީ އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 1.9 ބިލިޔަން ރުފިޔާ ކަމަށެވެ.

އެހެންކަމުން ބޭރުގެ އެންބަސީތަކަށް މި ސަރުކާރުން އޭހާބޮޑެތި ހޭދަތައް ކުރަމުން އަންނަ އިރުގައި، ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް އެތަކެއް ބައިވަރު ދަތުރުފުޅުތަކެއް ރާއްޖެއިން ބޭރަށް ކުރައްވާއިރުގައި އެކަމުގެ އެދެވޭ ނަތީޖާ ފެންނަން ނެތްކަމީ ހިތާމަޔާއެކުގައި ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، މިގޮތަށް މި ހަރަދުތައް ކރަންޖެހެނީ ދިވެހި ރުފިޔާއިން ނޫންކަމަށް ވާތީ، އެހަރަދުތައް ޑޮލަރުން ކުރުމުން އަޅުގަނޑުމެނަށް ބޭރުފައިސާގެ ދަތިކަން އިތުރަށް ކުރިމަތިވަމުން އަންނަ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން އެފަދަ ގޮތްގޮތަށް ކުރާ ހޭދަ މަދުކޮށް، މިނޫންގޮތަކަށް ކަންކަން ކުރުމަށް މި ސަރުކާރަށް ގޮވާލާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިތުރު މުއައްޒަފުންތަކެއް ސަރުކާރުގެ ވަޒީފާތަކަށް ނެގުމަށް އަމާޒުކޮށްފައި ވާކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެ ސަމީރު ވިދާޅުވީ، އެ މުއައްޒަފުންނަށް ދިނުމަށް 2.2 ބިލިޔަން ރުފިޔާގެ ބޮޑު އަދަދެއް މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވާއިރު އެ އަދަދު ބަޖެޓުން އުނިކޮށް ކަނޑާލުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެތައްފަހަރެއްގެ މަތިން ޕޯޑިއަންގައި ވިދާޅުވި ނަމަވެސް، އެ ވިދާޅުވާ މުއްދަތްތައް ފަހަނައަޅާ ދާއިރުގައި ކޮންޓްރެކްޓަރުންނަށް އަދިވެސް ފައިސާ ދެވިފައި ނުވާކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ، މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގެ ތަރައްގީއަށްޓަކައި އެންމެ މަދު ހޭދައެއް ކުރަމުން އަންނަ ސަރުކާރު ކަމަށެވެ.

ކޮމެންޓް