ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙުމަދު ޝަމްހީދު.- ފޮޓޯ: މަޖިލިސް
އިސްތިގުލާލު ދެމެހެއްޓޭނީ ހާރިޖީ ގުޅުމުން، ބަރު ހަތިޔާރަކުން ނޫން: ޝަމްހީދު
މަރްޔަމް މުޙައްމަދު 25 ނޮވެމްބަރ 2025 (އަންގާރަ)   13:27
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓޭނީ ހާރިޖީ ގުޅުމުން ކަމަށާއި އެކަން ކުރެވޭނީ ބަރު ހަތިޔާރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް މިއަދު ބަހުސް ކުރައްވަމުން ޑރ.ޝަމްހީދު ވިދާޅުވީ، ފެނާއި ނަރުދަމާއަށް ކުރާ ހަރަދަށް ވުރެ، ބަރު ހަތިޔާރު ގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަރަދު މާ ބޮޑު ކަމަށެވެ. އެއީ ރާއްޖޭގެ ކުރިމަގަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"މި ބަޖެޓު ކުރަނީ ފެނާއި ނަރުދަމާއަށްވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް. މިއީ އަޅުގަނޑުމެން ކުރިއަށްދާންވީ ގޮތެއް ނޫން ގައުމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ބަރު ހަތިޔާރަކުން ނޫން އަޅުގަނޑުމެންގެ އިސްތިގުލާލު އަޅުގަނޑުމެންނަށް ހިފެހެއްޓޭނީ ދޭދޭ ގައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުމާއި އަޅުގަނޑުމެންގެ ދަރަނި ދެއްކޭނެ ގޮތެއް ލިބިގެން،" އޭނާ ވިދާޅުވި އެވެ.

ދިފާއީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ މި އަހަރަށް ފާސް ކުރި އަސްކަރީ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ބަޖެޓާއި ދިފާއީ އިންފްރާސްޓަކްޗާ ގާއިމުކުރުމަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.

ޕީއެސްއައިޕީ ބަޖެޓުން ދިފާއި ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 85 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް