
މިއީ ސައޫދީ ސަރުކާރާ ދެކޮޅު ނޫސްވެރިއަކު 2018 ވަނަ އަހަރު ތުރުކީވިލާތުގެ އިސްތަންބޫލުގައި މަރައިލި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެގެން ދިއުމަށްފަހު، ވަލީއަހުދު ސަލްމާން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެ ފަހަރު ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގޯސްވީ، ނޫސްވެރިޔާ މަރާލީ ވަލީއަހުދު މުޙައްމަދުގެ އަމުރުފުޅަށް ކަމަށް އެމެރިކާއިން ތުހުމަތު ކުރުމުންނެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ވެސް ކުރައްވާފައެވެ.
މި ދަތުރުފުޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް މުހިންމު ދަތުރުފުޅެއް ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން މޭ މަހުގެ ތެރޭގައި ޓްރަމްޕް ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު ވުނަކުރުމަށް ސައޫދީ އަރަބިއްޔާއިން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް، ވަލީއަހުދު މުޙައްމަދުގެ މި ދަތުރުފުޅުގައި ޓްރަމްޕް ބާރު އަޅުއްވާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
އަދި ވަލީއަހުދު މުޙައްމަދު ވެސް އިސްކަން ދެއްވާނެ ހާއްސަ ދާއިރާތަކެއް މި ދަތުރުފުޅުގައި ހިމެނޭނެ ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އެގޮތުން، އޭއައިގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައި، އެމެރިކާގެ އެހީތެރިކަމާ އެކު ސައޫދީ އަރަބިއްޔާގައި މަދަނީ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެއް ހިންގުމަށް ބާރު އަޅާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ޔަހޫދީން ހިންގާ ޖަރީމާތަކާ ގުޅިގެން، އެމެރިކާގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ސައޫދީން ހޯދުމަށް މުޙައްމަދުގެ މި ދަތުރުފުޅުގައި އިސްކަން ދެއްވާނެ ކަމުގައި ވެސް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދެއްވުމާ ގުޅޭ ގޮތުން ވިސްނަވަމުން ގެންދަވާ ކަން ވެސް ޓްރަމްޕް ދާދިފަހުން ހާމަކުރައްވާފައިވާ ވާއިރު، ވަލީއަހުދު މުޙައްމަދުގެ މި ދަތުރުފުޅުގައި މި ކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށާ، އަދިވެސް ތަފާތު އެކި ދާއިރާތަކުން، މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމުގައި ވެސް ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.




