
އަންގާރަ ދުވަހު އޮތް އިންތިހާބުން މި ލިބިލެއްވި ތާރީހީ ކާމިޔާބީއާއެކު، މަމްދާނީގެ ނަން ނިއު ޔޯކް ސިޓީގެ ތާރީހުގައި ލިޔެވޭނީ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައެވެ. އަދި މީގެ އިތުރުން އޭނާ އަކީ ދެކުނު އޭޝިއާގެ ނަސްލުގެ ފުރަތަމަ މޭޔަރު ކަމަށާ، 34 އަހަރުގެ މަމްދާނީއަކީ ސިޓީގެ އެންމެ ޒުވާން މޭޔަރު އަދި އެފްރިކާގައި އުފަންވެވަޑައިގެންނެވި ފުރަތަމަ މޭޔަރުގެ ގޮތުގައި ވެސް ތާރީހުން ވަނީ ޖާގަ ހޯއްދަވާފައެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަމްދާނީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯ އެވެ.
މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަމްދާނީ ޓިކެޓް ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ކުއޯމޯ ބަލިކުރެއްވުމަށް ފަހުގަ އެވެ. އެހެންވެ ކުއޯމޯ މި އިންތިހާބަށް ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގައި ދެން ވާދަކުރެއްވީ ގާޑިއަން އެންޖެލްސްގެ ބާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އެވެ.
މިހާތަނަށް ލިބުނު ނަތީޖާއިން ވޯޓްލީ މީހުންގެ %50 ވޯޓް މަމްދާނީއަށް ލިބިފައި ވާއިރު، އެންޑްރޫ ކުއޯމޯއަށް ލިބުނީ %41.5 އެވެ. ސްލިވާ އުޅެނީ %7 ގައެވެ.
ކުއީންސްގެ ސްޓޭޓް އެސެމްބްލީގެ މެންބަރުކަމުން ނިއު ޔޯކްގެ މޭޔަރުކަމާ ހިސާބަށް މަމްދާނީ ވަޑައިގަތީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ހޯއްދެވި އާދަޔާ ހިލާފް ބޮޑު މަގުބޫލުކަމާ އެކުގަ އެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރައްވާ މަމްދާނީއާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުރުން އެމެރިކާގެ އެންމެ ބޮޑެތި މަހުޖަނުން ވެސް އެކި ގޮތްގޮތަށް ކެމްޕެއިން ކޮށްފައިވެއެވެ.
އޮންލައިންކޮށް ވޯޓަރުންނާއި ހަމައަށް ވާސިލްވުމުގައި ނަމޫނާ ދައްކާފައިވާ މަމްދާނީ އަކީ ކުރިން އެހާ މަޝްހޫރު ނޫން ނަމަވެސް އޭނާ މިހާ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ، ގްރާސްރޫޓްސް ކެމްޕޭނަކާއެކު، މީސްމީޑިއާގެ އުކުޅުތައް ބޭނުންކޮށް، އެގައުމުގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބުމުން ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.
ނިއު ޔޯކުގެ މޭޔަރުކަމަށް ކުރި ކެމްޕޭނުގައި މަމްދާނީ ވައުދުވީ އަގުހެޔޮ ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭ ސިޓީއެއްގެ އަމާޒަށް ދިޔުމަށެވެ. އެގޮތުން ހިލޭ ބަސްދަތުރުތަކާއި ކުޑަކުދިންނަށް ހިލޭ ސިއްހީ ފަރުވާ ދޭނެ ނިޒާމެއްގެ އިތުރުން މިނިމަމް ވޭޖު ބޮޑުކުރުމާއި އިމިގްރެންޓުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
2018 ވަނަ އަހަރު އެމެރިކާގެ ރައްޔިތަކަށްވެފައިވާ މަމްދާނީ ތައުލީމު ހާސިލުކުރީ ބްރޮންކްސް ހައި ސްކޫލް އޮފް ސައިންސްގެ ޕަބްލިކް ސްކޫލުން ކަމަށްވާއިރު، އެތަނުގައި އޭނާ ވަނީ ސްކޫލްގެ ފުރަތަމަ ކްރިކެޓް ޓީމް އުފެއްދުމުގައި ވެސް ބައިވެރިވެފައެވެ.
2014 ވަނަ އަހަރު ބޯޑޮއިން ކޮލެޖުން އެފްރިކާނާ ސްޓަޑީޒްގެ ބެޗެލަރސް ޑިގްރީ ހާސިލުކުރިއެވެ. އެތަނުގައި އޭނާ ވަނީ ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ދަރިވަރުންގެ ފުރަތަމަ ޗެޕްޓަރު ވެސް އުފައްދާފައެވެ.




