
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ، މި ތިން ގައުމު ގުޅިގެން މިފަހަރުގެ މުބާރާތް ބާއްވާއިރު މެކްސިކޯގެ ރައީސް ކްލައުޑިއާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަދި ނުދެއްވި ނަމަވެސް ރައީސް ޓްރަމްޕް މި ރަސްމިއްޔާތަށް ވަޑައިގަންނަވާއިރު މުބާރާތް ބާއްވާ އަނެއް ދެ ގައުމުގެ ތެރެއިން މި ރަސްމިއްޔާތަށް އެމެރިކާ އަށް ވަޑައިގަންވާނެކަމުގެ ޔަގީންކަން ދެއްވާފައިވަނީ ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނޭ ކަމަށް ކުޅިވަރު ޚަބަރުތައް ރިޕޯޓްކުރާ ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ.
ފީފާއިން މިކަން ހާމަކޮށްފައި ވަނީ، ގުރު ނެގުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަނުގެ ކެނެޑީ ސެންޓަރަށް ރައީސް ޓްރަމްޕް ވަޑައިގަންނަވާނެކަން އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިއުލާނު ކުރެއްވުމުން ކަމަށް ވާއިރު، ގުރު ނެގުމުގެ މި ރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ރަސްމިއްޔާތަށް ކަމަށް ވެސް ފީފާއިން ބުނެފައި ވެއެވެ.
މިހާތަނަށް 42 ގައުމު މި މުބާރާތަށް ކޮލިފައިވެފައި ވާއިރު، މިއީ ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.




