
އެ ލިސްޓު އާންމުކުރައްވާ މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކޮށްފައިވާ ކަަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް އިއްޔެގެ އިއުލާނާ އެކުގައި އާންމުކޮށްފައިވާ ކަމަށެވެ.
އެ އިއުލާނާއެކުގައި އާންމުކުރި ލިސްޓްގައި ހިމެނެނީ، މާލެ އާއި ވިލިމާލެ އިން ކުއްޔަށް ދޫކުރެވިފައިވާ ފްލެޓް ތަކާއި، މާލެ އާއި ވިލިމާލެ އިން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކާއި ތަންތަން އަދި މާލެ އާއި ވިލިމާލޭގެ ލޯކަލް މާރުކޭޓް ތަކުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކާއި، މާލެ އާއި ވިލިމާލެ އިން ކުއްޔަށް ދޫކުރެވިފައިވާ ފައްތިޔާތަކެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ވިދާޅުވެފައި ވަނީ، އާންމުކުރި އެ ލިސްޓާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ޝަކުވާއެއްވާ ނަމަ، އަންނަ ޑިސެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް އަށް މެއިލްކުރުމަށް އެ ކައުންސިލުން އެދޭ ކަަމަށެވެ.




