ދިވެހިރައްޔިތުން އަލިކަމުގެ ތެރެއަށް ނެރެދިން ޕާޓީއަކީ އެމްޑީޕީ: އަލީ އާޒިމް
ހަސަން އިބްރާހީމް 20 ނޮވެމްބަރ 2025 (ބުރާސްފަތި)   22:59
އަޅުގަނޑުމެން ދިވެހިރައްޔިތުން އަނދިރީގައި ތިއްބާ ސިޔާސީގޮތުން އަލިކަމުގެ ތެރެއަށް ނެރެދިން ޕާޓީއަކީ އެމްޑީޕީ ކަމަށް، ކުރިއަށް އޮތް މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ އާޓިފިޝަލް ބީޗް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ހައްގު މިންވަރު ރައްޔިތުންނަށް ބުނެދީ ހައްގު މިންވަރު ރައްޔިތުންނަށް ހޯދައިދިން ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހިރައްޔިތުން އަނދިރީގައި ތިއްބާ ސިޔާސީގޮތުން އަލިކަމުގެ ތެރެއަށް ނެރެދިން ޕާޓީއަކީ އެމްޑީޕީ އޭ ބުނުމަކީ އަޅުގަނޑަށް ޔަގީން އެއްވެސް މީހަކު މިކަމާ ދެކޮޅު ހަދާނެ ކަމެއްނޫން. އަޅުގަނޑުމެން އަލިކަމުގެ ތެރެއަށް ނެރެދިން ޕާޓީއަކީ އެމްޑީޕީ." ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެމްޑީޕީގެ ޕާލަމަންޓް ގްރޫޕްގެ ލީޑަރުކަންވެސް ކުރެއްވި އަލީ އާޒިމް ވިދާޅުވިއެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ، އެއްވެއުޅުމުގެ މިނިވަންކަން ހޯދައިދިން ޕާޓީއަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގަބޫލުކުރާނެ އެމްޑީޕީކަން. ވައްކަމާ ހިޔާނާތާ އަނިޔާވެރި ނުވުމާ ދެފުއް ފެންނަހެން ކަންތައްތައް ކުރުމަކީ އަބަދުވެސް އެމްޑީޕީ، މީގެ ކުރިންވެސް ފެށުނީއްސުރެވެސް ވަކާލާތު ކުރަމުންދިޔަ ކަންތައްތައްކަން ތިބޭފުޅުން ގަބޫލުކުރާނެ."

އަލީ އާޒިމް ވިދާޅުވީ އެމްޑީޕީ ދެކެ ލޯބިވެ ތާއީދުކޮށް ޕާޓީގެ މެންބަރަކަށް ވާން ބޭނުންވަނީ އެޕާޓީގައި ހުރި އަސާސްތަކާއި އުސޫލުތަކާއި ހަމަތައް އެމްޑީޕީގައި އޮތުމުން ކަމަށެވެ.

"އެހެންނަމަވެސް ހިތާމައަކީ ދެރައަކީ އަޅުގަނޑުމެން އަޑުއަހަން ބޭނުންވިޔަސް ނުވިޔަސް، އެ އުސޫލުތަކާއި ހަމަތައް މަޑުމަޑުން ނަމަވެސް، ކުޑަކޮށް ނަމަވެސް އެމްޑީޕީން ނެތެން ފެށުން." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވަނީ މާލެ ސިޓީ ކައުންސިލުން ކުރިން ނިންމާފައި ހުރި ނިންމުންތަކަށާއި މިފަހުން ނިންމާފައިހުރި ނިންމުންތަކަށާއި ކުރަމުން ގެންދާ ކަންކަމަށް ފާޑު ވިދާޅުވެފައެވެ. ހާއްސަ ގޮތެއްގައި ކުރީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ވަރަށްބޮޑަށް ފާޑުވިދާޅުވިއެވެ.

"ތިޔަބޭފުޅުންގެ ހާލަތު ހަގީގަތުގައި ދައްކޮށްލި މީހަކީ ހަގީގަތުގައި މި މާލެ ގޮނޑުކޮށްލި މީހަކީ، މުޅި މާލޭގައި މި ހޮޅިތައް ދަމާލި މީހަކީ، މި މާލޭގައި މިއޮއް ފެންނަހާ ކާރު ސައިކަލު މި މާލެ ކޮންޖެސްޓް ކޮށްލި މީހަކީ، މި މާލޭގައި ބިދޭސީން އިންތިހާއަށް އިތުރުކުރި މީހަކީ ގަވައިދެއް އުސޫލެއް ނުހަދާ އަޅުގަނޑުމެން ކޮންމެ މީހަކު ގަބޫލުކުރާނެ މުއިއްޒުކަން. އޭނާ މައިތިރިކުރަންޖެހޭ މާލޭ މީހުންނަށް ނިކަމެތިކަން ގެނައި ފަރާތަކީ އެއީ ކަމުގައި ވާތީވެ." އަލީ އާޒިމް ވިދާޅުވިއެވެ.

"ގަދަކޮށް" ޝިއާރާއެކު އެމްޑީޕީގެ ޕްރައިމަރީގައި އަލީ އާޒިމް ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އާދަމް އާޒިމް އާއެވެ. މި ދެ އާޒިމް ވެސް ގެންދަވަނީ އެކި މަންސަތަކުގައި ކެމްޕޭން ކުރައްވަމުންނެވެ.  

ކޮމެންޓް