
ސައިފް ފާތިހު (ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު) އާއި، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު (ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު) ސޮއިކޮށް އާޒިމްއަށް ފޮނުއްވާފައިވާ ސިޓީގައި އެދިފައި ވަނީ އެ ސިޓީ ކައުންސިލްގެ އެޖެންޑާގައި ހަތަރު ކަމެއް ހިމަނައިދިނުމަށެވެ.
އެގޮތުން މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ދޫކޮށްފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށްފަހު، އަގާއި ޝަރުތުތަކަށް ބަދަލު ގެންނައުމަށް ނުވަތަ އުވައިލުމުގެ މަސައްކަތް ފެށުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެ ސިޓީގައި ފުރަތަމަ ކަމަކަށް އެދިފައި ވާއިރު، މާލޭގެ ބިންތައް ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ކޮންޓްރެކްޓުގައި ލާޒިމުކޮށްފައިވާ ކަންކަން ކުރަމުންދާ މިންވަރު ހާމަކުރުމަށާއި އެ ކަންކަން ނުކުރާ ފަރާތްތަކުގެ އަތުން ބިން އަތުލުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް ވެސް އެބޭފުޅުން ވަނީ އެދިލައްވާފައެވެ.
އަދި 2025 ޖޫން 14 ވަނަ ދުވަހު، ކައުންސިލްގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގެ ފަހުން، ކައުންސިލުގެ އާންމު ޖަލްސާއަކުން ފާސްކުރުމެއް ނެތި ދީފައިވާ ހުރިހާ ބިމެއް ވަގުތުން ވަގުތަށް އަތުލުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށާ، އަދި މާލޭގެ ބިންތަކުގެ ދަފުތަރު އާންމުކުރިއިރު، އޭގައި ހުރި ބައެއް ކުށްތަކާއި އެހެނިހެން ލިޔުންތަކުން ފެންނާން ހުރި މައުލޫމާތާ ފުށުއަރާ ކަންކަން ވެސް ފާހަގަކޮށް އެ ކަންކަން ވެސް އިސްލާހު ކުރުމަށް އެ ދެ ކައުންސިލަރުން ސޮއިކުރައްވާ މޭޔަރު އާދަމް އާޒިމް އަށް ފޮނުވާފައިވާ ސިޓީގައި އެދިފައި ވެއެވެ.




