އުރީދޫ ފިންޓެކާއި އީޒަޕްގެ އޮފިޝަލުން.-- ފޮޓޯ: އުރީދޫ
އަންނަ މަހުން ފެށިގެން އީޒަޕް ހިދުމަތުގައި އެމް-ފައިސާ ބޭނުންކުރެވޭނެ
ފިޔެސް 23 ނޮވެމްބަރ 2025 (އާދީއްތަ)   14:49
އުރީދޫ ފިންޓެކް މޯލްޑިވްސް އިން އީޒަޕްއާ އެކު އާ ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ.

މި ޕާޓްނަޝިޕްގެ ދަށުން އީޒަޕް ބޭނުންކުރާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި އަދި މެދުނުކެނޑި ޑިޖިޓަލް ޕޭމަންޓް ކުރެވޭނެ އެވެ.

އެމް-ފައިސާއަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒަޕްގެ އިންޓެގްރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، އީޒަޕްއާ އެކު ޕާޓްނަޝިޕް ހެދުމަކީ އެމް-ފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް،" ނިޔާޒް ވިދާޅުވި އެވެ.

އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ އަބްދުالله މިއުވާން ޝަރީފް ވިދާޅުވި ގޮތުގައި، އެ ހިދުމަތުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށެވެ.

"އެމް-ފައިސާ އިންޓެގްރޭޓް ކުރުމާ އެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ. އުރީދޫ ފިންޓެކް މޯލްޑިވްސްއާ އެކު ޕާޓްނަރޝިޕް ހެދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް