
މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކްއާ އެމްއެމްއޭގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި ލައިސަންސްއާ ހަވާލުވެވަޑައިގެންނެވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއެވެ.
އެ ލައިސަންސްގެ ދަށުން އަމިއްލަ ފަރުދުން، ހާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލުކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އެ ލައިސަންސާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމް-ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށާ، އެ ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެއް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ މި ރަސްމިއްޔާތުގައި ވިދާޅުވީ އެ ލައިސަންސްގެ ސަބަބުން އެމްއެމްއޭ އިން ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ދޭ އަހއްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާ، އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލު ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން ދަނީ އިތުރު ދައުރެއް އަދާކުރަމުން ކަމަށެވެ.
އަދި އެ ހިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީތެރިވެދޭ ހިދުމަތެއް ކަމަށް ވެސް އުރީދޫ ފިންޓެކްގެ ސީއީއޯ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެއަތޮޅު ކޮމަންޑޫ ރައްޔިތުންނާ ރޭ ބައދްަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ކަމަށާ އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.




