ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް.--
މަހުލޫފް ޖަޕާނުގެ ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހަށް
މަރްޔަމް މުޙައްމަދު 26 ނޮވެމްބަރ 2025 (ބުދަ)   12:38
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ކެބިނެޓު މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް، ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ފޮނުވައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް މަހުލޫފް އައްޔަނުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވާފަ އެވެ. އެ މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފައެވެ.

މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން އެޕާޓީ ދެބައިވެ، މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަސައްކަތް ކުރެއްވި އެވެ.

މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.

މަޙްލޫފް، އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަން އިއުލާނުކުރައްވައި ފޮނުއްވި ސިޓީގައި މަޙްލޫފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ވަކީން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރައްވާފައި ވެއެވެ.

މަހްލޫފް އެމްޑީޕީން ވަކިވެޑައިގަތީ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ކަމަށް އޭރުވެސް ކިޔަމުންދަނިކޮށް އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރެއްވީ މިމަހު 14 ގައި ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައެވެ.

ކޮމެންޓް