ސަފީރުކަމުގެ ލިޔުން ރައީސް ޑރ.މުހައްމަދު މުއިއްޒު، މަހުލޫފްއާ ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޖަޕާނު ސަފީރަކަށް މަހުލޫފް އައްޔަންކުރައްވައިފި
މަރްޔަމް މުޙައްމަދު 4 ޑިސެމްބަރ 2025 (ބުރާސްފަތި)   11:16
ޖަޕާނަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އެމްޑީޕީ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް އައްޔަންކުރައްވައިފި އެވެ.

މަހުލޫފް އެ މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.

މަހުލޫފު އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި މިއަހަރުގެ އެންމެ ފަހު ޖަލްސާގައެވެ. މަހުލޫފް އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި މަހުލޫފް ކުރިން ހުންނެވި ޕާޓީ، އެމްޑީޕީގެ މެންބަރުންވެސް ބައިވެރިވެވަޑައިގެން ވޯޓް ދެއްވިއެވެ.

ޖަޕާނަށް ރާއްޖޭން ކަނޑައެޅި ސަފީރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ކުރިން މިނިސްޓަރުކަން ކުރެއްވި ޙަސަން ސޯބިރެވެ. މިދިޔަ ޖުލައި މަހު ސޯބިރު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.

ޚާރިޖީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް މަހުލޫފް، ސަފީރުގެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވީ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރިތާ ހަފުތާއެއް ފަހުންނެވެ. މަހްލޫފު ޕީއެންސީއާ ގުޅުނީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ޖަޕާން ސަފީރުކަމަށް އައްޔަންކުރަން ފޮނުއްވީ މަހްލޫފަކީ އެކަމަށް ރާއްޖެއިން ނޭގޭނެ އެންމެ ރަނގަޅު ބޭފުޅާކަމަށެވެ. އަދި މި ސަރުކާރުން މަގާމަކަށް މީހުން އައްޔަންކުރާއިރު އެމީހެއްގެ ކުލަޔަކަށް ނަސަބަކަށް ނުބަލާނެކަމަށެވެ.

"ގައުމަށް ހިދުމަތް ކުރުމުގައި އެބޭފުޅާއަށް އެކަމުގެ ގާބިލުކަމާއި ހުނަރާ ތަޖުރިބާ ހުރި މިންވަރަކަށް މި ސަރުކާރުން ބަލާނީ." ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މަހުލޫފް އަކީ މިދިޔަ އެމްޑީޕީ ވެރިކަމުގައި އެންމެ ހިންގުންތެރި އަދި އެންމެ ރަނގަޅު ވަޒީރުކަމަށެވެ.

ރިޕޯޓަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ޖަޕާން ސަފީރަށް މަހްލޫފް އައްޔަންކުރުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ގައުމުތަކަށް ދިވެހިރާއްޖެއިން ސަފީރުން ކަނޑައަޅުއްވަން ޖެހޭނެ. އެހެން ނަމަވެސް ކަނޑައަޅުއްވަން ޖެހޭނީ ނަޒާހާތްތެރި ބޭފުޅުން. އެއިރެއްގެ ވެރިކަމުގެ އާރާއި ބާރު އޮންނަ ފަރާތަކަށް ބޯވަދިލަމަހެއްހެން ދުވާ ބޭފުޅުން ގެނެސް ގައުމު ތަމްސީލުކުރަން ދުނިޔޭގެ ކުރިއަރާފަ ހުރި ގައުމުތަކުގެ މަލަމައްޗަށް، މޫނު މައްޗަށް ރާއްޖެ ރިޕްރެޒެންޓުކުރަން ބޭތިއްބުމަކީ އެއްގޮތަކަށް ވެސް ސިކުނޑި ގަބޫލުކުރާ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް