
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާގެ އިނާޔަތް އުނިކުރުން ހިމެނެ އެވެ. މީގެ އިތުރުން، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަގާމެއްގެ މުއްދަތުގައި ގާނޫނުން ދޭ އިނާޔަތްތައް މެދުކަނޑާލަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ. ކޮމިޓީ މަރުހަލާގައި ކުރިން ހިމަނާފައިވާ މަހަކު 25،000 ރުފިޔާގެ ބަދަލުގައި، ނައިބު ރައީސުންނަށް މަހަކު 30،000 ރުފިޔާގެ އިނާޔަތެއް ދޭގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ހަރަދު ދިނުމަށްވެސް ވަނީ ހިމަނާފައެވެ.
ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރާ ބޭފުޅުންނަށް އެކަންޏެވެ. މި އުސޫލުން ބަލާއިރު، މިހާތަނަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ކުރީގެ ސަރުކާރުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމެވެ.




