ފޮޓޯ: ޕޮލިސް
ފޮށްޓަކަށް ލާފައި އޮއްވާ ފެނުނު ކުއްޖާ މެރުމުގެ ކުށް މައްސަލައިގަ ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ
މަރްޔަމް މުޙައްމަދު 25 ޑިސެމްބަރ 2025 (ބުރާސްފަތި)   14:13
މަރާލާފައި ފޮށްޓަކަށްލައި ހުޅުމާލެ ފަޅު ތެރެއަށް އެއްލާލާފައި އޮއްވަ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާ، މެރުމުގެ ކުށް އެ މައްސަލާގައި ހައްޔަރުކުރިއިރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. މި ތިން ދައުވާވެސް އެކުއްޖާގެ މައްޗަށް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

އޭގެ ތެރެއިން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން ހުކުމްކުރީ:

  • 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް
  • ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމަށް
  • ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް
  • މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ހުކުމެއް ކުރުމުން، މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް

ދެން އޮތް ދެ ދައުވާގެ އަދަބެއްގެ ގޮތުގައި ހުކުމްކުރީ:

  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން، 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް

ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާ މައްޗަށް ސާބިތުވެފައި ވާތީ، އެ މައްސަލާގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ އިބްރާހިމް ޒިހާން، ބަގީޗާގެ/ނ.ލަންދޫ، ގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އިއްވުމުން މަރުގެ ދިޔައާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެ ކޯޓުން އެންގި އެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށް ލައި ހުޅުމާލެ 2 ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ 2021 ޖޫން 22 ގައެވެ.

ކޮމެންޓް