
އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށް ކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި، މިދިޔަ މެއި މަހު ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ޙުސައިން 34އ. އެވެ.
ފުލުހުން ބުނިގޮތުގައި 2019 ވަނަ އަހަރު މާލެ އައިސްފައިވާ ޝަހާދަތު، ބީއެމްއެލް ރުފިޔާ ތިން އެކައުންޓާއި، ޑޮލަރު ތިން އެކައުންޓު ހުޅުވާފައި ވާއިރު އޭނާ ރާއްޖެ އައިސްފައި ވަނީ 2،000 ޑޮލަރު ލިބޭ ގޮތަށް އެކައުންޓް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
އަދި އޭގެފަހުން އޭނާގެ ވޯކް ޕާމިޓް އިތުރުކޮށް، 3،000 ޑޮލަރު ލިބޭ ގޮތަށް ''އޮފީސް ބޯއި''އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައި ވާއިރު، ޝަހާދަތުގެ ޕާމިޓް އިތުރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27އަށް ކަމަށް ވީނަމަވެސް އިތުރަށް ހުއްދަ ހޯދުމެއް ނެތި އޭނާ މަސައްކަތް ކުރި ކަމަށް ހުކުމުގައިވެއެވެ.
އަދި ހުއްދައިގެ ބޭރުން އެމްޕްލޯއިމެންޓް އޭޖެންސީއެއް 2019 ވަނަ އަހަރުގެ އޮޓޫބަރު މަހުން ހިންގާ، ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓް ވެސް ކުރި ކަމަށާ، ރާއްޖޭގައި ވަޒީފާ ދޭ ކުންފުނިތަކާއި ފަރާތްތައް ތަމްސީލުކޮށްދޭ މީހެއްގެ ގޮތުގައި މަސައްކަތްކޮށް، އިކޮނޮމިކް މިނިސްޓްރީގެ ނަމުގައި ސައްހަ ނޫން ވޯކް ޕާމިޓްތައް ވެސް އޭނާ ހަދައިފައި ކަމަށް ހުކުމުގައި ބުނެއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރި ނަމަވެސް އަންގާރަ ދުވަހު ކޯޓުން ކުރި ހުކުމުގައި ޕީޖީ އޮފީހާއި ޝަހާދަތުއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައިވާކަން ފާހަގަކޮށްފައި ވާއިރު، އެ މައްސަލައިގައި ޝަހާދަތަށް ކުރި ދަައުވާތަކާއި، ޕީޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން އަދަބު ލުއިކޮށްދީ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސް، އޭނާ ބަންދުގައި ހޭދަކޮށްފައިވާ 10 މަހާއި 17 ދުވަަހަށް ރިއާޔަތްކޮށް، އެ ދުވަސްތައް ހުކުމުން އުނިކޮށް، އޭނާއަށް ކޮށްފައިވަނީ ދެ އަހަރާއި އެއް މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއި 75،000 ރުފިޔާގެ ޖޫރިމަނާއެކެވެ.




