ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް.-- ފޮޓޯ: މަޖިލިސް
މަޖިލިސް މެންބަރުންގެ 30 ޕަސެންޓް ޒުވާނުންނަށް ހާއްސަކުރަން އިސްލާހެއް
ޖުނާން އަޙުމަދު 26 ނޮވެމްބަރ 2025 (ބުދަ)   15:48
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރަން އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 45 ޕަސެންޓަކީ ޒުވާނުން ކަމުގައިވީ ނަމަވެސް ވިހިވަނަ މަޖިލީހުގައި ޒުވާނުން ކަމަށް ބަލާ އުމުރުފުރާގައި ހިމެނެނީ އެންމެ 11 ޕަސެންޓު މެންބަރުން ކަން ފާހަގަ ކުރެއްވިއެވެ.

ޒުވާނުން ތަމްސީލު ކުރުމުގައި އޮތް ބޮޑު ފަރަގަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށާއި މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބަކީ އެއީ ކަމަށް މީކާއީލް ވިދާޅުވި އެވެ.

"ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއި، ޓެކްނޮލޮޖީ އާއި މުއާސަލާތުގެ ވަސީލަތްތަކާއި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވިފައިވާ ބަޔަކީ ޒުވާނުން ކަމަށްވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށްގެންދާނެ ޒުވާނުންގެ މުހިންމު ކަންކަން ހަވާލުކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ފެށުން،" ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި މީކާއީލް ފާހަގަ ކުރައްވާފައި ވެއެވެ.

އެ އިސްލާހުގައި ވާ ގޮތުން ޒުވާނުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅަން ޖެހޭ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހެއެވެ.

މީކާއީލް އަކީ 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައިވެސް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރައްވާ ޒުވާން މެންބަރެކެވެ.

ޒުވާނުންގެ އުމުރުފުރާއަކީ 18 އަހަރުން ފެށިގެން 35 އަހަރުން ދަށުގެ މީހުންނެވެ.

ކޮމެންޓް