ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް.--
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީކާއިލް ވާދަކުރަނީ
ފިޔެސް 29 ނޮވެމްބަރ 2025 (ހޮނިހިރު)   20:22
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވާދަކުރައްވާނެކަން ހާމަކުރައްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ފައްޔާޒު އިސްމާއީލް، މިމަހުގެ 23 ވަނަ ދުވަހުގެރޭ އިސްތިއުފާ ދެއްވުމުންވެ. ފައްޔާޒު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވެފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން މިރޭ ސޯޝަލްމީޑިއާ މެދުވެރިކުރައްވާ މީކާއިލް ވަނީ އާންމު ކުރައްވާފައެވެ. އެޔާއެކު ގިނަބަޔަކު ދަނީ އޭނާއަށް ތާއީދުކޮށް ހެޔޮއެދުންތައް ފާޅުކުރަމުންނެވެ. 

މީކާއިލް އެމްޑީޕިއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭރުން ފެށިގެން އެމްޑީޕީގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެއެވެ. އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް މީކާއިލް ކުރެއްވި އެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ޒުވާން މެންބަރުންގެ ތެރޭގައި މީކާއިލް ހިމެނިވަޑައިގަތް ގަލޮޅު ދެކުނު ދައިރާ ތަމްސީލް ކުރެއްވި އެވެ. މަޖިލިސްގެ ބަހުސްތަކުގައާއި ކޮމިޓީ މަސައްކަތްތަކުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އަދި 2024 ވަނަ އަހަރުގެ ވަނަ އަހަރުގެ އިންތިޚާބުގައިވެސް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން މީކާއިލްއަކީ އެކަކެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގެ މެންބަރެއްގެ އިތުރުން ޕާޓީ އެތެރޭގެ ކޮމިޓީތަކުގައިވެސް މީކާއިލްއަކީ ހަރަކާތްތެރި މެންބަރެކެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކޮމެންޓް