ރައީސް މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް.- ފޮޓޯ: ރައީސް އޮފީސް
ކައުންސިލުގެ ހުއްދަ ނެތިވެސް ރަށްރަށުގައި ސަރުކާރަށް މަޝްރޫއުތައް ހިންގޭނެގޮތް ހަދައިފި
މަރްޔަމް މުޙައްމަދު 3 ޑިސެމްބަރ 2025 (ބުދަ)   00:44
ރަށްރަށުގެ ކައުންސިލުގެ ހުއްދަ އަކާ ނުލާ ވެސް ސަރުކާރަށް އެ ރަށްރަށުގައި މަޝްރޫއުތައް ހިންގޭނެގޮތަށް ގާނޫނު އިސްލާހުކޮށް ތަސްދީގު ކުރައްވައިފިއެވެ.

ރަށްރަށުގެ ރަށުކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނޭ ބިންފަދަ ތަންތަނުގައި، އެ ކައުންސިލެއްގެ ހުއްދައަކާ ނުލާ ވެސް މަޝްރޫއުތައް ނުވަތަ ހަރަކާތްތައް ސަރުކާރުން ހިންގަން ބޭނުންވެއްޖެ ނަމަ އެކަންކަން ހިންގުމުގެ ބާރު ސަރުކާރަށް ލިބުނީ، މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރި، ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމުގެ ބިލު ރައީސް މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވުމުންނެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމުގެ ކުރިން ތަޅުމުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ވަނީ، މިހާރު ކައުންސިލްތަކުގެ ހުއްދަ ހޯދައިގެން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަން ޖެހޭ މަޝްރޫއުތަކާއި ހަރަކާތްތައް، ސަރުކާރުން ބޭނުންވެއްޖެނަމަ، ހުއްދަ ހޯދުމަކާ ނުލާ ވެސް ހިންގޭނެ ގޮތް ހެދުމަށް، އެ ބިލަށް އިތުރު އިސްލާހެއް ހުށަހަޅާފައެވެ.

ރައީސް އިއްޔެއިން އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އިއްޔެއިން ފެށިގެން ވަނީ އެގޮތަށް އަމަލު ކުރަން ފަށާފައި ކަމަށް ވާއިރު، އެގޮތަށް ސަރުކާރަށް ކަންކަން ކުރެވޭނީ "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" އެކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަކަމަށް އެ އިސްލަަހުގައި ބުނެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް މި އިސްލާހުގައި "އެކަށީގެންވާ މުއްދަތަކީ" ކޮބައި ކަމެއް ނުވަތަ މިގޮތަށް ކުރެވޭނީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ކޮން ތަނެއްގައި، ކޮން މަސައްކަތްތަކެއް ކަމެއް ބާޔަންކޮށްފައެއް ނުވާއިރު، އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ)ގެ ހުއްދައާ އެކު އެ މަޝްރޫއޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންދެއެވެ.

ކޮމެންޓް