މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އާއި ރައީސް މުއިއްޒު
ގިނަ ރައްޔިތުންގެ ހިޔާލު ރައީސަށް ފޯރުކޮށްދިނުމަށް އަސްމާއްތަ ކުރެއްވި ކަމަކާ މުއިއްޒު އިސްކުރެއްވީ ކޯފާ
އަސްމައްތަ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕް ގްރޫޕްގެ ޗެއާގެ މަގާމުން ވެސް ވަކިކޮށްފައި
މަރްޔަމް މުޙައްމަދު 29 ނޮވެމްބަރ 2025 (ހޮނިހިރު)   09:24
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި، ރައްޔިތުންގެ ވީހާވެސް ގިނަ ހިޔާލުތަކެއް ރައީސްގެ ކުރިފުޅުމަތީގައި ފާޅުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި، މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް، އެ ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) މެސެޖު ކުރެއްވުމުން، މުއިއްޒު އެކަމާ ކޯފާ އިސްކުރައްވައި، އަސްމާއްތަ އަށް ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަމާގުޅިގެން އަސްމައްތައަށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕް ގްރޫޕްގެ ޗެއާގެ މަގާމުން އަސްމައްތަ ވަނީ ވަކިކޮށްފައެވެ.

އަދި މީގެއިތުރުން، އަންނަ ހަފުތާގައި އަސްމާއްތަ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމަވާފައިވާ މަޖިލީހުގެ ދަތުރެއް ވެސް ރައީސް މުއިއްޒު އަންގަވައިގެން ވަނީ ކެންސަލްކޮށްފަ އެވެ.

އަދި އަސްމާއްތަ ފޮނުއްވި އެ މެސެޖުގެ ސަބަބުން މުއިއްޒުގެ ކޯފާ އިންތިހާވެ، ދާއިރާގެ ރައްޔިތުންގެ ކިބައިން އަސްމާއްތަ މާފަށް އެދުމަށް ވެސް ސީދާ މުއިއްޒު އެންގެވި ކަމަށް ފިޔެސް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅޭ ގޮތުން އަސްމާއްތަގެ ބަހެއް ލިބޭގޮތް ނުވި ނަމަވެސް ޕީއެންސީގެ ބައެއް މެންބަރުން މީޑިއާއަށް ވިދާޅުވެފައި ވަނީ، ރައީސް އެވަރަށް ކޯފާ އިސްކުރެއްވީ އަސްމާއްތަގެ މެސެޖުގެ ސަބަބުން އެ މަނިކުފާނު އިސްތަށިފުޅުގައި ބަދުނާމެއް އެޅިއްޖެ ކަމަށް ގަބޫލުފުޅު ކުރެއްވިގެން ކަމަށެވެ.

މުއިއްޒު މާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ވަކިވަކިން ބާއްވާ ބައްދަލުވުންތަކުގައި ސުވާލުކުރާ މީހުން ދުރާލައި ނޯޓުކުރަން އުޅޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަން ދޮގުކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.

ކޮމެންޓް