
ރައީސް މުއިއްޒު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވާނެ ކަމަށާ، މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގައެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، ރަސްގެފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ.
އެގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަގްވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިގްތިސާދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސްއެމްއައި އިން ބާރުއަޅައެވެ. އަދި، އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސްއެމްއައި ގެ އަމާޒެކެވެ.
ރައީސް މުއިއްޒުގެ މި ދަތުރަކީ އެމަނިކުފާނު ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ކުރައްވާ ފަސްވަނަ ދަތުރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ނުރަސްމީ ދަތުރެއްގައި ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. މި އަހަރުގެ އެޕްރީލް މަހާއި ޖުލައި މަހުގެ ތެރޭގައިވެސް އެ ގައުމަށް ވަޑައިގެންނެވިއެވެ.
އެޕްރީލް މަހު އިނގިރޭސިވިލާތަށް މުއިއްޒު ދަތުރެއްކުރެއްވީ ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށެވެ.
ޖުލައި މަހު ވަޑައިގަތީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރާ ސަރުކާރުގެ ބްރޭންޑެއް އިފްތިތާހުކުރުމަށެވެ.
ރައީސްގެ މިފަދަ ދަތުރުތަކުން ރާއްޖެއަށް މާބޮޑު ފައިދާއެއް ނުވާކަމަށާ، ދަތުރުތަކަށް ބޮޑު ޚަރަދެއް ކުރައްވާ ކަމުގެ ޝަކުވާ އާންމުން އެކި ފޯރަމްތަކުގައި ކުރެއެވެ.




