އެމްޑީޕީ ޕްރައިމަރީއެއްގައި ވޯޓުލުން ކުރިއަށްދަނީ - ފޮޓޯ: އެމްޑީޕީ
ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ 58 ދާއިރާއެއްގައި ބާއްވަނީ
ޖުނާން އަޙުމަދު 2 ޑިސެމްބަރ 2025 (އަންގާރަ)   18:45
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު ބާއްވާއިރު، އެ އިންތިހާބުގައި އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ގޮތުން ބާއްވާ އެ ޕާޓީގެ ޕްރައިމަރީ 58 ދާއިރާއެއްގައި އޮންނާނެކަމަށް އެމްޑީޕީން މިއަދު ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ މާރިޗުމަހުގެ 28 ވަނަ ދުވަހުކަމަށާ، އަދި އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު، އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ގައެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށެވެ. އެގޮތުން ދާއިރާތަކަށް ޕްރައިމަރީއަށް 30 އަށް ވުރެ ގިނަ ރަށުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން އެމްޑީޕީގައި 43،765 މެމްބަރުން ތިބިކަމަށް ފެންނައިރު، އޭގެތެރެއިން 24،216 މީހަކަށް އެ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާކަމަށް އެމްޑީޕީން ބުނެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާއެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 30 ގައި އޮންނާނެކަން ހާމަކޮށްފައި ވާއިރު، އެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށައެޅުމުގެ ފުރުސަތު އެޕާޓީން ވަނީ އިއްޔެ ހުޅުވާލާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް