
ރޮނާލްޑޯ މިކަން ރަސްމީކޮށް އިއުލާންކުރީ، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ޓޫރިސް ސަމިޓްގައި ދިން އިންޓަވިއުއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕްތޯ އޭނާއާ ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ، އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާ، ނަމަވެސް ފުޓުބޯޅަޔާ މުޅިން ދުރު ނުވާނެކަމަށެވެ.
އަންނަ އަހަރު މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަކީ ރޮނާލްޑޯ ކުޅޭ ހަވަނަ ވޯލްޑް ކަޕަށް ވެގެންދާއިރު، އުމުރުން 40 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށާއި ކްލަބަށް ޖުމްލަ 953 ގޯލު ޖަހައިފައެވެ.
ރޮނަލްޑޯގެ މި އިންޓަވިއުގައި، އަންނަ އަހަރު އޭނާއަށް 41 އަހަރު ފުރޭނެ ކަން ވެސް އޭނާ ފާހަގަ ކޮށްފައި ވާއިރު، ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯއަކީ ގައުމީ ޓީމަށް 143 ގޯލު ޖަހައިގެން، އެންމެ ގިނަ ގޯލު ޖެހި ފިރިހެން ކުޅުންތެރިޔާއެވެ. އޭނާ މިހާރު ވެސް ދަނީ އޭނާގެ ކެރިއަރުގައި 1،000 ގޯލު ހަމަކުރުމަށް މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.




