
މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވިކަން އިއުލާނުކުރެއްވީ މިރޭ ކުރިޔަށްގެންދާ ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. އެ ޖަލްސާގައި މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ.
މަޙްލޫފް، ޕީއެންސީ އަށް ސޮއިކުރެއްވުމުން އެއީ އޭނާ ސޮއިކުރެއްވި ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އޭނާ އެންމެ ފުރަތަމަ ހުންނެވީ އޭރުގެ ސަރުކާރަށް ނިސްބަތްވި ޑީއާރުޕީގައެވެ. އޭގެ ފަހުން އެޕާޓީ ދެބައިވެ ޕީޕީއެމް އުފެއްދުމުން ޕީޕީއެމްގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ބަދަލުވެވަޑައިގަތެވެ.
މަޙްލޫފް، އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަން އިއުލާނުކުރައްވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި ސިޓީގައި މަޙްލޫފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ވަކީން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރައްވާފައި ވެއެވެ.
މަހްލޫފް އެމްޑީޕީން ވަކިވެޑައިގަތީ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ވަރަށް އަވަހަށް މަޙްލޫފް ކަނޑައަޅާނެ ކަމުގެ މައުލޫމާތުވެސް ލިބިފައި ވެއެވެ.
މަޙްލޫފްގެ އިތުރުންވެސް ކުރިން އެމްޑީޕީއަށް ނިސްބަތްވި ބައެއް މީހުން މިރޭ ވަނީ ޕީއެންސީއަށް ސޮއިކުރިކަން އިއުލާންކޮށްފައެވެ.




