އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ.--
ރައީސް މުއިއްޒު ދީނާއި ގައުމުދެކެ ކުޑަކޮށް ވެސް ލޯބިވާނަމަ، ބޭރުމީހުނަށް ސިޓިޒަންޝިޕް ދޭން ނޫޅުއްވާނެ
މުޙައްމަދު ޤާސިމް 6 ޑިސެމްބަރ 2025 (ހޮނިހިރު)   11:57
ރައީސް މުއިއްޒު ކިތަންމެ ގިނައިން ދީނާއި ގައުމިއްޔަތުގެ ވާކަފުޅު ދެއްކެވި ނަމަވެސް، ދީނާއި ގައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ، އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑި ނޭނގޭ ބޭރުމީހުނަށް ދިވެހި ބިން ވިއްކާ، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޝެއިޚް އިމްރާން ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން، ރާއްޖެއިން ބޭރުގެ އެކިކަހަލަ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ދިނުމަކީ މުޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުން އޮތް މައްސަލައެއް ކަމަށާ، އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަ ކަމާއި، ރާއްޖޭގެ ރައްޔިތުންގެ އެއްބައެއްވަންތަ ކަން، އަދި އެއް ބަހަކުން ވާހަކަދައްކާ އެއް ދީނަކަށް އުޅޭ އެއްބައިވަންތަ ރައްޔިތެއްގެ ރައްޔިތުކަން ގެއްލިގެންދާ ފަދަ ބޮޑު ނުރައްކާތެރި މައްސަލައެއް ކަމަށް އެދުވަހު ވެސް ޝެއިޚް އިމްރާން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުކަން ބޭރުގެ ފަރާތްތަކަށް ދިނުމުގެ ނުރައްކާތެރި ކަމާއި ކަންބޮޑުވުންތައް ތަފްސީލު ކޮށްދެއްވަމުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިޚް އިމްރާން ވިދާޅުވީ، އެސްއީޒެޑު ގާނޫނު އިސްލާހުކުރި ސަބަބަކީ، އެ ގާނޫނުގެ ނިވަލުގައި، ރާއްޖޭން ބޭރުގެ ބޮޑެތި މުއްސަނދިންނަށާއި ކުށްކުރާ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ހޯދައިދީގެން އެ ފަރާތްތަކުގެ ފުށުން މާލީ މަންފާ އާއި ނާޖާއިޒު ފައިދާތައް މި ސަރުކާރުން ނެގުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ރައީސް މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ސިޓިޒަންޝިޕް ގާނޫނަށް ބޮޑު ބަދަލެއް ގެނެސްގެން ރާއްޖޭގެ ރަށްވެހިކަން ދުނިޔޭގެ ބޮޑެތި މުއްސަނދިންނާއި ނުފޫޒުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން އެ މީހުންގެ ގައުމުތަކުން ބޭރުކުރާ ފަރާތްތަކަށް ހޯދައި ދިނުމަށް ކަމަށާއި، އެހެން ނަމަވެސް ޚުދް އެ މަނިކުފާނުގެ ކެބިނެޓުން ވެސް އެކަމަށް ނުރުހުމުން ދެން ފެއްޓެވި މަސައްކަތަކީ، އެސްއީޒެޑު ގާނޫނަށް ބަދަލު ގެނެސްގެން އެކަން ހާސިލުކުރެއްވުމުގެ މަސައްކަތް ކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރީ 6 ނޮވެންބަރު 2025 ގައެވެ.

މި ޤާނޫނު ފަރުމާކޮށްފައި ވަނީ މިޤާނޫގެ ދަށުންހެދޭ ގަވާއިދުގެ ތެރެއިން ގަނޑުކޮށް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާ ފަރާތްތަކަށް ވަގުތުން އެ ފަރާތަކަށް ރާއްޖޭގެ ބިންމިލްކުވުމާއި، ރައްވެހިކަން (ސިޓިޒަންޝިޕް) ލިބިގެން ދާގޮތަށެވެ.

އެގޮތުން މި ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުގެ ތެރެއިން އާދައިގެ ރަށެއްގައި ސްކޫލެއް، ކުނިމެނޭޖްކުރާ ސެންޓަރެއް ނުވަތަ ދަޑުހައްދަން ފަޅުރަށެއް ނަގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް އެބިންތަށް މިލްކުވެ އަދި ރެސިޑެންޒީ ވިސާގެ ތެރެއިން ގޮސް ރާއްޖޭގައި އެއްލައްކަ ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގެ ރައްވެހިކަން (ސިޓިޒަންޝިޕް) ލިބިގެންދާނެއެވެ.

ކޮމެންޓް