
ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަށް، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރުމަށް މިސަރުކާރުން އަމާޒު ހިފާފައި ވާއިރު، 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ، ފުރަތަމަ ފިޔަވަހީގެ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއެބަ އޮތް ކަމަށާ، އެހެންކަމުން ރަސްމާލެ މަޝްރޫއަކީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭ މަޝްރޫއެއް ކަމަށް މީގެ ކުރިން ބޯހިޔާވަހިކަމުގެ ޔޫނިއަންތަކުން ވެސް ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިކަމުގެ ކަންބޮޑުވުމާއެކު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ވިދާޅުވީ، އެތައް ސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށްގެން ފުށި ދިއްގަރުފަޅު ހިއްކުމަކީ ފަހަރެއްގައިވެސް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އުފަލެއް ލިބޭނެ ކަމެއް ނޫން ކަމަށާ، އެއީ އެނގިހުރެ ރައްޔިތުންގެ މުދާ އިސްރާފުކުރުން ކަމަށެވެ.
އަދި މިއީ ބޮޑުވެގެންވާ ހިޔާނާތެއްކަން ފާހަގަކުރައްވާ ޝެއިޚް އިމްރާން ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް ކަރަޕްޝަން ކަމަށް ވާއިރު މިއީ އަޅައިނުލާ ދޫކޮށްލާވަރުގެ ކުޑަކަމެއް ނޫން ކަމަށެވެ.
މިކަމާގުޅޭގޮތުން ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގައި ޔޫޓީއެފް (އުތުރު ތިލަފަޅު ޔޫނިއަން) އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެކަމުގެ ސަބަބުތައް ތަފްސީލު ކޮށް ބަޔާންކޮށްދީފައެވެ.
އެ ނޫސްބަޔާނުގައި ވަނީ، ބިންވެރިޔާ އާއި ގެދޮރުވެރިޔާ މަޝްރޫއުގެ ދެވަނަ ސްކީމުގައި އުތުރު ތިލަފަޅުން ގޯއްޗާއި ހުޅުމާލެ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމު އިވެލުއޭޓު ނުކޮށް ލަސްކުރަމުންދިއުމާއި، ފުށިދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެ ޔޫނިއަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ، "ރަސްމާލެ" ހިއްކުމަށް އަހަމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އިސްކަން ދޭންވީ، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެތަންތަނުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އެތަންތަނުގެ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން އެހެން ރަށްރަށުގައި ހިއްކާ ބިންތައް އެ ރަށްރަށުގެ ރައްޔިތުންނަށް، ހިލޭ ދޭ އުސޫލުން މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް، މާލޭ ސަރަހައްދުގެ ފަޅުތައް ހިއްކާފައި ހިލޭ ބިން ދިނުމަށް ނިމިދިޔަ ސަރުކާރުން ގެންގުޅުއްވި ސިޔާސަތަކީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ފެށިގެންއަންނަ އަސްލު ސަބަބު ކަމުގައިވާ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދެއްވި ދާއިމީ ހައްލެއް ކަމަށް ޔޫޓީއެފުން ބުނެއެވެ.
"މާލޭ ސަރަހައްދުގައާއި އަތޮޅުތަކުގެ ރަށްތަކަށް ވެސް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަކީ، ރާއްޖޭގެ ތަރައްގީއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމަށް ވީހިނދު، އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ފަށާފައިވެއެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ފުރަތަމަ ފިޔަވަހީގެ ދަށުން، ހުޅުމާލޭގެ ފޭސް-3 އިން 63 ހެކްޓަރު، ގުޅީފަޅުން 192 ހެކްޓަރު، ގިރާވަރުފަޅުން 160 ހެކްޓަރު އަދި އުތުރު ތިލަފަޅުން 230 ހެކްޓަރުގެ ބިމާއިއެކު ޖުމުލަ 645 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށާ، އެ މަޝްރޫއުތަކާއެކު ސިނާޢީ ބޮޑެތި ބަދަލުތަކެއް މިސަރަޙައްދަށް ގެނައުމަށް ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
އެހެންކަމުން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ބިން ހިއްކައި، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމައި، އަދި އުތުރުތިލަފަޅުން ބިންހިއްކައި ބޯހިޔާވަހިކަމުގެ ދެވަނަ ސްކީމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އެ ތަންތަނުން ގޯތިތައް ހަވާލުކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމުގައި ޔޫޓީއެފް އިން ދެކޭ ކަމަށް ވެސް އެ ޔޫނިއަންގެ ނޫސްބަޔާނުގައި ވެއެވެ.
ބިންވެރިޔާ އާއި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން 9003 ގޯތި ދީފައިވަނީ އެންމެ ނިކަމެތި މީހާއަށް އިސްކަންދޭ އުސޫލުން، ހަމައެކަނި މާލެއަށް އުފަން ރައްޔިތުންނަށް ކަމަށާ، އަދި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން ފްލެޓު ދިނުމަށް ނިންމީ މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކަން ފާހަގަކޮށް ޔޫޓީއެފް އިން ބުނެފައި ވަނީ، މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އަދި މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް، ކުރީ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯތި ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-2 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ގޯއްޗަށް އެދި 19247 (ނަވާރަހާސް ދުއިސައްތަ ސާޅީސް ހަތެއް) މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
އަދި ދެވަނަ ސްކީމްގައި ފުލެޓް ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅާއި، ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅާއި، މާލެ އަދި ވިލިމާލެ އިން ފްލެޓަށް އެދި 21347 (އެކާވީސް ހާސް ތިންސަތޭކަ ސާޅީސްހަތެއް) މީހުން ކުރިމަތިލާފައި ވާއިރު، ކުރިމަތިލީ މީހުންގެ ނަންތަކާއެކު، ހައުސިންގ މިނިސްޓްރީން އެ ލިސްޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައި ވާކަން ވެސް ޔޫޓީއެފް އިން ފާހަގަކުރެއެވެ.
"އެހެންކަމުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނަގޮތަށް މިސަރުކާރުގެ އަމަލުތައް ބަހައްޓާފައި ވުމަކީ ނުހަނު ހިތާމަކުރާ އަދި ކުށްވެރިކުރާ ކަމެކެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކުރުމެއް ނެތި، ހިންގަމުންދާ އެންމެހާ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓާލުމަށް މިސަރުކާރަށް ގޮވާލަމެވެ. ހާއްސަކޮށް މިހާރު މިސަރުކާރުން އަލަށް ހިންގަން ފަށާފައިވާ ބްރިޖަކުން ގުޅާލެވެންނެތް ރަސްމާލެ މަޝްރޫއު މިހާރު މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
ޔޫޓީއެފްގެ ނޫސްބަޔާން ނިންމާލާފައި ވަނީ، ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިންކުމަށާއި އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 (ސާޅީސްހާސް ފައްސަތޭކަ ނުވަދިހަ ހަތަރެއް) އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމަށާއި، މި ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށް، އެތަންތަނުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް މިސަރުކާރަށް ގޮވާލަމުންނެވެ.




