އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފޮޓޯ: ފިޔެސް
ދައުލަތުގެ ކުންފުނިތަކަށް މީގެކުރިން ނުވާވަރުގެ ގެއްލުންތައް މިސަރުކާރުން ދީފި
އަހަރުތަކެއް ވަންދެން ބޮޑު ފައިދާ ނެރުނު ކުންފުނިތަކަށް ބޮޑެތި ގެއްލުންވާން ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ދޭހަވާކަމެއް - އަދާލަތު ޕާޓީ
ޖުނާން އަޙުމަދު 22 ޑިސެމްބަރ 2025 (ހޯމަ)   16:53
މި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކަށް އެއްވެސް އިރެއްގައި ނުވާ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެޗްޑީސީ (ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އާއި ދައުލަތުގެ ބޭންކު ކަމުގައިވާ ބީއެމްއެލްއާއި އެއާޕޯޓުތައް ބަލަހައްޓާ އެމްއޭސީއެލް ފަދަ ކުންފުނިތަކުގެ ހަމައެކަނި މަސައްކަތަކީ ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ހަރަދުކުރުން ކަމަށް މިހާރު ވަނީ ހަދާފައި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

މިފަދަ ތުހުމަތު ތަކަކާއެކުގައި އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާތައް ތަންފީޒުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެންހަދައިގެން އެ ކުންފުނިތައް ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށާ އެތަންތަނުގެ ހަމައެކަނި މަސައްކަތަކަށް ވެފައިވަނީ ވައްކަމާއި ފަސާދައިގެ ތެރެއިން ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާއަށް ހަރަދު ކުރުން ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެތެރޭގައި ގިނަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރެވެމުން އަންނަ މިފަދަ ދަނޑިވަޅެއްގައި، އަދާލަތު ޕާޓީން މިއަދު ބުނެފައި ވަނީ މުއިއްޒުގެ ސަރުކާރުގެ ހުރިހާ ދިމާލެއްގައި ވައްކަމާއި ފަސާދަ އާންމުވެފައިވާ ކަމަށާ، މި ސަރުކާރުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހިންގުން ގަޑުބަޑުކޮށް ކޯޕަރޭޓް ގަވަނެންސްގެ ހަމަތަކާ ހިލާފުވެ، ހަރުމުދާ ލޫޓުވަމުންދާކަމަށެވެ.

އެޗްޑީސީ އާއި އެމްއޭސީއެލް އަދި ބީއެމްއެލް ފަދަ ކުންފުނިތައް ބަނގުރޫޓުވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި ގައުމުގެ އިގުތިސޯދު ހީނަރުވެ ދިވެހިރާއްޖެ ވެސް ބަނގުރޫޓުވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ފާހަގަކޮށް އަދާލާތު ޕާޓީން ބުނެފައި ވަނީ، އަހަރުތަކެއް ވަންދެން ބޮޑު ފައިދާ ނެރުނު ކުންފުނިތަކަށް ގެއްލުންވާން ފެށުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.

"ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ލިބުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތް ލޫޓުވަން ލިބޭ ފުރުސަތެއް ކަމުގައި ނުދެކުމަށް ރައީސް މުއިއްޒު އަށް އިލްތިމާސްކުރަމެވެ،"

- އަދާލަތު ޕާޓީ

އަދާލަތުން ވަނީ ވާދަވެރި ޓެންޑަރުގެ އުސޫލުތަކުގެ ބޭރުން ބަހާލާ ރައީސް މުއިއްޒުގެ އެކުވެރިންނަށް ބަހާލި ކަމަށާއި އެމްއޭސީއެލްގެ ހަރުމުދާ ރަހުނުކުރުމަށް ފަހު ބޮޑެތި އަދަދުތަކުން ދަރަނި ނަގާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، ވާދަވެރި ޓެންޑަރެއް ނެތި އުސޫލުތަކުގެ ބޭރުން އެއްވެސް ހަމައެއްނެތި  206 ޕްރޮޖެކްޓު ބަހާލައި އެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ބީއެމްއެލްގައި ހުރި ރައްޔިތުންގެ ފައިސާ ރައީސް މުއިއްޒުގެ އެކުވެރިންނަށް ބަހާލަމުންދާ ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

އޭގެ އިތުރުން، އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުދާ ރަހުނު ކުރުމަށް ފަހު ބޮޑެތި އަދަދުތަކުން ދަރަނި ނަގަމުންދާ ކަމަށާއި، އެ ފައިސާ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް މުއިއްޒުގެ ސިޔާސީ މަންފާއަށް ބަހާލަމުންދާ ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

ކުންފުނިތަކުގެ ދަރަނި 37 ބިލިއަނަށް އެރިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 34.7 ބިލިއަން ރުފިޔާގައެވެ. އެހެންވެ، މި އަހަރު މި އައީ 6.8 ޕަސެންޓްގެ އިތުރުވުމެކެވެ.

ޕީސީބީން ނެރެފައިވާ، މިދިޔަ އަހަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމިއްލަ ހަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އޮތް އިރު، އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

އަދި ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ. އެހެންވެ، އެއީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓު އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް