އެމްޑީޕީ ގެ ރައީސް ޢަބްދުﷲ ޝާހިދު - ފޮޓޯ: އެފްބީ/ޝާހިދު ސަޕޯޓާރޒް
މިއަދުގެ އަމަލުތަކުން ވެސް ބުނެދިނީ މި ސަރުކާރުގައި ވެރިކަން ކުރުމުގެ އަހުލާގު ނެތްކަން
މަސްވެރިންގެ އިހުތިޖާޖަށް ފުލުހުން އަަރައިގަތުން ބަލައެއް ނުގަނެވޭނެ – ޝާހިދު
މަރްޔަމް މުޙައްމަދު 11 ޑިސެމްބަރ 2025 (ބުރާސްފަތި)   21:02
އިއްޔެއާ ރޭ އަދި މިއަދު ވެސް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން ކުރިއަށްގެންދާ އިހުތިޖާޖުގައި ބައިވެރިވާ ކަންނެލި އޮޑި ފަހަރަށް ފުލުހުން މިއަދު އަރާ، އިހުތިޖާޖު ކުރަމުން ދިޔަ މަސްވެރިން ހައްޔަރުކުރުމަކީ ދިވެހި އިގްތިސޯދު ބިނާވެފައިވާ އެއް ތަނބަށް ދިން ބޮޑު ގެއްލުމެއްގެ ގޮތުގައި އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިސްނަގައިގެން ކުރަމުންދިޔަ މުޒާހަރާގައި މަސްވެރިންނާއި އެ ޖަމިއްޔާގެ ފައުންޑަރ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމާ ގުޅިގެން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.

ބުދަ ދުވަހު ހެނދުނުން ފެށިގެން 50 އަށްވުރެ ގިނަ ކަންނެލި ދޯނީގައި ކަންނެލި މަސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް، އެ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ ފުލުހުން ދޯނިތަކަށް އަރަންފެށީ މިއަދު މެންދުރުއެވެ. އަދި މައުރޫފު ހިމެނޭހެން 3 މީހަކު ހައްޔަރު ކުރި އިރު، 2 ދޯންޏެއް ވެސް ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ނަމަވެސް، ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ބުނަނީ، ސަރުކާރުން ދޯނިތަކަށް އަރާފައިވަނީ ކޯޓު އަމުރެއް ނެތި ގާނޫނާއި ހިލާފަށް ކަމަށާ، މުޒާހަރާގައި ބައިވެރި ވެފައިވާ ބިދޭސީންނަކީ ގާނޫނީ އިމުގެ ތެރެއިން އެ ދޯނިތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ.

ކޮމެންޓް