ރައީސް މުއިއްޒު، މަސްވެރިންގެ ދުވަހުގެ ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް
މަސްވެރިންނަށްވީ ވައުދު ނުފުއްދާ ގޮވާލީ މަސްވެރިކަން ސިޔާސީ ނުކުރުމަށް
ހަސަން އިބްރާހީމް 14 ޑިސެމްބަރ 2025 (އާދީއްތަ)   10:27
ޑރ.މުޙައްމަދު ވެރިކަމަށް ކުރެއްވި ކެމްޕޭނުގައި މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. ވެރިކަމަށް ދެއަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ވައުދުތައް ނުފުއްދަވައެވެ. އެކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން މަސްވެރިން ކުރެއެވެ. އެޔާއެކު ރައީސް އޮފީހަށް ބައެއް އޮޑިވެރިންނާއި މަސްވެރިން ގެންދަވައި އަނެއްކާވެސް ކޮންމެވެސް އުންމީދެއް ދެއްވާ މަސްވެރިން ހައްލާލައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ.ދުވާފަރުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ތެރެއަށް ސިޔާސީ އޮއިވަރު ވައްދަން އުޅޭ ފަރާތްތަކަށް ޖާގަ ނުދިނުމަށެވެ. ގައުމީ ވިސްނުމާ ދެކޮޅަށް މަސްވެރިކަމުގެ ތެރެއަށް ސިޔާސީ އޮއިވަރު ވައްދައިގެން ކަންކަން ކުރަން އުޅުމުން ގައުމަށާއި ސިނާއަތަށް ފައިދާއެއް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިފަދައިން މިވާހަކަ ދެއްކެވިއިރު، ވެރިކަމަށް އާދެވުމުގެ ކުރިން ސިޔާސީ މަޅީގައި މަސްވެރިން ޖެއްސުމަށް މުއިއްޒު ކުރެއްވި މަސައްކަތް އެހުރީ އަދިވެސް ފެންނާށެވެ.

your image2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު މުއިއްޒު ކުރެއްވި ޕޯސްޓެއް.--

މަސްވެރިންނަށް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރުމެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ، އަޅުގަނޑުމެން ގަސްތުކުރާ ގޮތަކީ، ރާއްޖޭގައި މަސް ގަންނަ، ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" 2023 އޯގަސްޓު 19 ގައި މ.ދިއްގަރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒުގެ ވެރިކަމަށް ވަޑައިގަތްއިރު މަސް ކިލޯއެއް މިފްކޯއަށް ގަންނަމުންދިޔައީ 25 ރުފިޔާއަށެވެ. އެކަމަކު 2024 ޖޫން 30 ގައި ސަރުކާރުން މަސް ގަންނަ އަގު ދަށްކުރިއެވެ. މިހާރު އާންމު ގޮތެއްގައި މިފްކޯއަށް މަސްގަންނަ ރޭޓަކީ 16 ރުފިޔާއެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑު ކަންނެލި މަސްވެރިން ކުރަން ފެށި އިހުތިޖާޖުގައި އެ މަސްވެރިންވެސް ޑިމާންޑްކުރަނީ މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމަށެވެ. އެމީހުންގެ މައިގަނޑު ތިން ޑިމާންޑަކީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. އެއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާނޭ ކަންކަން ކަމަށް މުއިއްޒު ވިދާޅުވެފައި ހުރި ކަންކަމެވެ.

ބޮޑު ކަންނެލި މަސްވެރިން ތަކުރާރުކޮށް ހަނދާންކޮށް ދެނީ އެވާހަކަ އެވެ. އެހެންނަމަވެސް އެމީހުންގެ އިހުތިޖާޖަށް ސިފައިންނާއި ފުލުހުން ނެރެގެން ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކުރުމަށްފަހު މުއިއްޒު ވިދާޅުވީ މަސްވެރިކަން ސިޔާސީ ނުކުރުމަށެވެ. މުއިއްޒު އެވާހަކަ އެގޮތަށް ދެއްކެވުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުޙައްމަދު ވިދާޅުވީ މަސްވެރިން ހިންގަނީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާ، ބީކޭއެމްޔޫ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ މައުރޫފް ޒާކިރު އަކީ މިހާރު މަޖިލިސް މެންބަރެއް ނަމަވެސް، އެ މަސައްކަތް ފެށިއިރުވެސް އެމީހުންގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

"މީކީ އެއްގޮތަކަށްވެސް ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެންގެ މިތިބަ ކެޔޮޅުންނާ، އޮޑިވެރިންނާ، ފަޅުވެރިންނާ އަދި މިއުޅޭ މަސްވެރިން ބޭނުންވެގެން މައުރޫފް މީގެތެރޭގައި އެހުރީ. އެބޭފުޅާއަށް ކުރާ އިތުބާރަކުން. މައުރޫފް އަބަދުވެސް މަސައްކަތް ކުރައްވަނީ އަޅުގަނޑުމެންގެ ތެރެއަށް ސިޔާސީ ކަންކަން ނުވައްދަން،" ކުރިން ގައުމީ ފުޓްބޯޅަ ޓީމްގެ ކީޕަރުކަންވެސް ކުރެއްވި އިމްރާން ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ މަސްވެރިންނަށް އުންމީދު ދެއްވަމުންނެވެ. އެ މަސްވެރިންގެ ފޮޓޯ ބޭނުން ކުރައްވައިގެންނެވެ. އެ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވައިގެންނެވެ. އެ ވައުދުތައް ނުފުއްދަވާ ދެއަހަރު ފާއިތުވެގެންދާއިރު އެވާހަކަ މަސްވެރިން ދައްކާނެއެވެ. އިހުތިޖާޖުވެސް ކުރާނެއެވެ. އިސްތިއުފާއަށްވެސް ގޮވާނެއެވެ.

ކޮމެންޓް